އިއްޔެ ރާއްޖެއިން 165 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑަށް ޓެސްޓު ކުރަން 3133 ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 165 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 25 މީހަކާއި، އަތޮޅުތެރެއިން 121 މީހަކާއި ރިސޯޓްތަކުން 18 މީހަކު އިއްޔެ ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 89،529 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 2170 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 15 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 247 އަށް އަރާފައެވެ.