ސޫދާންގެ މަދަނީ ވެރިކަން ވައްޓާލައި އެގައުމަށް ބަޣާވަތެއް ގެނައި އަސްކަރިއްޔާއިން އެގައުމުގައި ވެރިކަން ކުރާން ކައުންސިލެއް އުފެއްދުމުން ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވެއްޖެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ސޫދާންއަށް ގެނައި ބަޣާވާތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެން އެގައުމުގެ އަސްކަރީ ލީޑަރު ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރުހާނީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެގައުމުގައި ވެރިކަން ކުރަން އާ ކައުންސިލެއް އެކުލަވާލައްވައި އެކައުންސިލްގެ އިސްވެރިޔާގެ މަގާމަށް އޭނާ އަމިއްލައަށް ހަމަޖައްސަވާފައެވެ.

މިކައުންސިލްގައި 14 މެންބަރުން ހިމެނޭ އިރު މެންބަރުން މަގާމުގެ ހުވާކޮށްފައި ވަނީ ވެސް މިދިޔަ ބުރާސްފަތި ދުވަހެއެވެ. ކައުންސިލް މެންބަރުންގެ ތެރޭގައި ސޫދާންގެ އަސްކަރިއްޔާއަށް ނިސްބަތްބާ ކޮމާންޑަރުން ހިމެނޭ އިރު އާންމުންގެ ފަސް މީހަކާއި އެގައުމުގައި ދާހިލީ ހަނގުރާމަކުރި އިދިކޮޅު އަސްކަރީ ޖަމާއަތްތަކަށް ނިސްބަތްވާ 3 މީހަކު ވެސް ކައުންސިލްގައި ހިމެނެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުޅަނގުގެ ބާރުތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެހެން ބައެއްގެ ބަސްބުނުމެއް ނެތި އަސްކަރިއްޔާއިން އެކަނި މިފަދަ ނިންމުންތައް ނިމުމުން ދޭހަވަނީ ސޫދާންގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތައް އަސްކަރިއްޔާއިން ބަލައިނުގަންނަ ކަން ކަމަށެވެ. އަދި ސޫދާންގެ ދާހިލީ މައްސަލަ އިތުރަށް ހޫނުވެގެންދާނެ ފަދަ ފިޔަވަޅުތައް އެޅުން ހުއްޓާލުމަށް ގޮވާލާ ކަމަށާ ކުރީގެ ބޮޑު ވަޒީރާއި މަދަނީ ސަރުކާރު އަލުން ވެރިކަމަށް ގެނައުމަށް ގޮވާލާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާން ނެރެފައިވަނީ ނޯވޭ، އިނގިރޭސިވިލާތް، އެމެރިކާ، ސުވިޓްޒަލޭންޑް އަދި ވިލާތުގެ އިއްތިހާދު ގުޅިގެންނެވެ.