އަންނަ އޭޕްރިލްގެ ކުރިން ނޭޕާލްގެ 18 އަހަރުން މަތީގެ އެންމެނަށް ކޮވިޑް ވެކްސިން ޖެހުމަށް އެގައުމުގެ ސަރުކާރުން އަމާޒުހިފާފައިވާ ކަމަށް ނޭޕްލްގެ ހެލްތް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

އެސޯސިއޭޓަޑް ޕްރެސްއަށް ދެއްވި ބަސްދީގަތުމެއްގައި ނޭޕާލްގެ ހެލްތް މިނިސްޓަރު ބިރޯދް ކަޓިވާޑާ ވިދާޅުވީ، މިއަމާޒު ހާސިލްކުރުމަށް އިތުރު މަސައްކަތްތެރިން ނަގާ ވެކްސިން ސެންޓަރުތައް ގާއިމުކުރާނެ ކަމަށެވެ.

މިދިޔަ މަހު މަގާމާ ހަވާލުވެވަޑައިގެން ކަޓިވާޑާ ވިދާޅުވީ، ސަރުކާރުން ނަގާ އިތުރު ހެލްތް ވޯކަރުންގެ އެހީގައި ނޭޕާލްގެ ރަށްފުށު ހިސާބުތަކަށް ގޮސް ވެކްސިން ޖަހާ ހެދޭނެ ކަމަށާ، ވެކްސިން ސެންޓަރުތައް ވެސް ގާއިމުކުރާނީ އެމަސައްކަތްތެރިން ކަމަށެވެ.

އޭނާ ވިދާޅުވީ، ނޭޕާލްގެ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ކޮވިޑް ވެކްސިން ޖެހޭ ވަރަށް އެގައުމަށް ވެކްސިން ލިބިފައި ހުރި ކަމަށާ އެއަށް ވުރެ އިތުރަށް ވެސް ވެކްސިން ލިބިފައި ހުރި ކަމަށެވެ.

ކޮވިޑާ ދެކޮޅަށް ވެކްސިން ޖެހުމަށް ނޭޕާލްއިން ޕްރޮގްރާމެއް ފެށީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އަވަށްޓެރި އިންޑިއާއިން ދިން ވެކްސިންއަށް ބަރޯސާވެގެންނެވެ. އެހެން ނަމަވެސް މިއަހަރުގެ ކުރީކޮޅު އިންޑިއާއަށް އައި ކޮވިޑްގެ ބިޔަ ރާޅާއެކު ނޭޕާލްގެ ވެކްސިން ޕްރޮގްރާމް ވެސް މަޑު ޖެހުނެވެ.

ނޭޕާލްގެ ސަރުކާރުން ބުނެފައިވަނީ ނޭޕާލްގެ 18 އަހަރުން މަތީގެ އާބާދީގެ 44 ޕަސެންޓް މީހުން ވަނީ ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހާފައެވެ. އަދި 37.5 ޕަސަންޓް ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

30 މިލިއަން މީހުން އުޅޭ ނޭޕާލްގެ އާބާދީގެ 72 ޕަސަންޓަކީ 18 އަހަރުން މީހުން މަތީ މީހުންނެވެ.