ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރަނި ނަގައިގެން ހިންގި މަޝްރޫއުތަކުގެ ހަރަދާއި ކުރި މަސައްކަތާ ދެކޮޅު ނުޖެހޭ ކަމަށާއި އޭގެ މައްޗަށް ތަހުގީގެއް ހިންގަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި މެންބަރުންގެ ވާހަތަކަށް ޖަވާބުދާރީ ވާން އަމީރަށް ދެއްވި ފުރުސަތުގައި އޭނާ ވިދާޅުވީ، މި ސަރުކާރުން ދަރަނި ނަގަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުމަށް ކަމަށެވެ.
ދައުލަތުގެ ބަޖެޓްގެ ދަރަނި ބޮޑުވަމުންދާތީ އެކަމުގެ ފާޑުކިއުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ މެންބަރުން އަމާޒުކުރައްވާތީ، އަމީރު ވަނީ ޔާމީންގެ ސަރުކާރުގެ ދަރަނީގެ އަދަދު 39.6 ބިލިއަން ރުފިޔާއަށް އަރާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ދަރަނި އަދި ހުރީ 34 ބިލިއަން ރުފިޔާގައި ކަމަށެވެ.
އަމީން ވިދާޅުވީ ޔާމީން ސަރުކާރުގައި ހިންގި ބައެެއް މަޝްރޫއުތަކުގެ ފެންވަރު ދަށް ކަމުން އަލުން މަޝްރޫއުތައް މި ސަރުކާރުގައި ހިންގަން ޖެހިފައިވާ ކަމަށެވެ.
ޔާމީންގެ ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކަށް ބަލާއިރު، އެ ސަރުކާރުގައި 58.9 ބިލިއަން ރުފިޔާ އަށް ދަރަނި އަރާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ. މި ސަރުކާރުން ސޮއިކުރި ލޯނު އެއްބަސްވުންތަކުގެ އަދަދު އުޅެނީ 51.1 ބިލިއަން ރުފިޔާގައެވެ.