ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލައިގެން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ތަށިމުށި ގަނެދޭން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލައްވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުނިމި ދިޔައީ ކުރީގެ ސަރުކާރުން އެ މަޝްރޫއު ރާވާފައި އޮތް ގޮތުން ކަމަށެވެ.

ކުރީ ސަރުކާރުން ގިނަ އަދަދަށް ލޯނު ނަގާފައިވާ ކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރުގައި ކަންކުރިގޮތަށް މިސަރުކާރުގެ ވެރިން ލޯނު ނެގުމަށްފަހު އެފައިސާއަށް ހިޔާނާތްތެރި ނުވާނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ކުރި ސަރުކާރުން އެ މަޝްރޫއަށް ހޭދަކުރި ފައިސާއިން އޭގެ ދެ މަޝްރޫއު ހިންގޭނެ ކަމަށެވެ.

ތަށިމުށި ޖަހަން ރައްޔިތުންނަށް ފައިސާ ދޭށޭ ބުނާއިރު، ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް، އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި، ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް.
ރޮޒެއިނާ އާދަމް

ބަޖެޓުގެ ބަހުސް އިއްޔެ ފަށާފައިވާއިރު ކޮންމެ އަހަރަކުވެސް ދައުލަތުން ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅުމުން، ބަޖެޓް ދިރާސާ ކުރެއްވުމަށް މެމްބަރުންނަށް 7 ދުވަސް ދެއެވެ.

މަޖިލީހުން އަމާޒު ހިފާފައިވަނީ ބަޖެޓަށް ތަޅުމުގައި ކުރެވޭ ބަހުސް މަރުހަލާ މިހަފްތާގެ ބުދަ ދުވަހުގެރެއަށް ނިންމާލުމަށެވެ.