އެސްޓީީއޯއިން ކޯނޭ ލިފްޓްގެ ޓަޗްލެސް ސިގްނަލައިޒޭޝަން ތައާރަފު ކޮށްފިއެވެ.
އެސްޓީއޯ އިން އެތެރެކުރާ "ކޯނޭ" ލިޕްޓް ބްރޭންޑަކީ ޒަމާނީ ހޯދުންތަކަށް ބިނާކޮށް އެކި ސޮލިއުޝަންސްތައް އެލެވޭޓާ މާކެޓަށް ތައާރަފު ކުރަމުންދާ ދުނިޔޭގައި އެންމެ ނަން ހިނގާ ބްރޭންޑު ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިގޮތުން "ކޯނޭ" އިން އެންމެ ފަހުން ތައާރަފު ކޮށްފައިވާ މޮޑެލްގެ ސީއޯޕީ (ލިފްޓް ޕުޝް ބަޓަންސް) އަކީ ލިފްޓުގެ އެއްވެސް ބަޓަނެއްްގައި އަތްނުލައި، ހަމައެކަނި އަތްތިލަ ކައިރި ކޮށްލުމުން ބޭނުންވާ ފްލޯ އަކަށް ދެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މޮޑެލް އެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ ރާއްޖެއަށް މުޅިން އަލަށް ތައާރަފު ކުރި މި މޮޑެލް، ލިފްޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އޯޑާކުރުމުގެ ފުރުސަތު އެސްޓީއޯން މިހާރު ހުޅުވާލާފައިވާ ކަމަށާއި އަދި މިއީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާއަށް އާ އިންގިލާބުތައް ގެނެސް، އިންޑަސްޓްރީގައި ޒަމާނީ ކުލަ ޖައްސަމުންދާ އެސްޓީއޯއިން ތައާރަފުކުރާ އެންމެ އީޖާދީ އެއް އުފެއްދުން ކަމަށެވެ.
ދުނިޔޭގެ މިހާރު ހާލަތަށް ބަލާލާއިރު މިއީ ވަރަށް މުހިއްމު އީޖާދެއް ކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ، މީގެ އެންމެބޮޑު އެއް ސަބަބަކަށް ވެފައިވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑު ބަލިމަޑުކަމުގައި، ކޮވިޑް ޖެހިފައި ހުރިމީހަކު އަތްލާ ތަންތަނުގައި އެހެން މީހަކު އަތްލުމުން ވެސް މިބަލި އެރުމުގެ ފުރުސަތު ބޮޑު ބައްޔަކަށްވުން ކަމަށެވެ.
އެސްޓީއޯއިން ބުނީ، މި ނަޒަރިއްޔާއަށް ބަލާއިރު، ލިފްޓް ބަޓަން ތަކަކީ ވަރަށް ގިނަ މީހުން އަތްލާ އެއްޗަކަށް ވުމާއެކު، ޓަޗްލެސް ސީއޯޕީ ބޭނުން ކުރުމުން ލިފްޓަށް އަރާ ފައިބާ މީހުން ބަޓަން ތަކުގައި އަތްލާން ނުޖެހުމުން، ލިފްޓު ބޭނުންކުރާ ފަރާތްތަކަށް ސަލާމަތްތެރިކަން ކަށަވަރު ކޮށްދޭ ކަމަށެވެ. ޓަޗްލެސް ފީޗާގެ އެންމެ ހާއްސަ ސިފައަކީ ލިފްޓުގެ ބަޓަންތަކުގައި އަތްލުމުގެ ބަދަލުގައި، އަތް 1 ސެންޓިމީޓަަރަށް ކައިރި ކޮށްލުމުން އެ ކައިރި ކުރާ ބަޓަންގެ ސެންސާ އެކްޓިވޭޓްވުން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، މިއީ ލިފްޓް ބޭނުންކުރާ ފަރާތްތަކަށް އިތުރު ހިތްހަމަ ޖެހުމަކަށް ވާނެ ކަމެއް ކަމަށެވެ.
އެސްޓީއޯއިން ވަނީ، މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތަށް އެކަށީގެންވާ ގޮތަށް، ލިފްޓްގައި ހަރުކުރާ "ކޯނޭ" އެއާ ޕިއުރިފަޔާ ވެސް ތައާރަފު ކޮށްފައެވެ. އެއާ ޕިއުރިފަޔާގެ ބޭނުމަކީ ލިފްޓް ތެރޭގައި ހުންނަ ވައި ސާފުކޮށްދިނުމެވެ.
އެހެންކަމުން ލިފްޓް ތެރޭގައި ހުންނަ އެކި ވަސްވަހާއި ބެކްޓީރިއާތަށް މި އެއާ ޕިއުރިފަޔާ އިން ނައްތާލާ ކަމަށާއި ކޯނޭ އިން އެއާ ޕިއުރިފަޔާއަށް ބޭނުންކޮށްފައި ވަނީ ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުތަކުގައި ކޮންޓަމިނޭޝަން ނައްތާލުމަށް ބޭނުންކުރާ ޕީސީއޯ ޓެކްނޮލޮޖީ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ބުނީ، ކޯނޭ ޓަޗްލެސް ސީއޯޕީ އަދި ކޯނޭ އެއާ ޕިއުރިފަޔާ އެންމެ ފުރަތަމަ ރާއްޖޭގައި ހަރުކުރެވިގެން ދާނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ލިފްޓްގައި ކަމަށެވެ. އެންމެންގެ ރައްކާތެރިކަމަށް އިސްކަންދީގެން، ލިފްޓް ގަތުމުގައި މިފަދަ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.