މިސްކިތްތަކަށް ކުޑަކަމު ގޮސް ހަތިމަށް ކުޅުޖެހި މީހާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ބަދަލުގައި އެމީހާއަށް ހައްގު އަދަބު ދިނުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ދިވެހި ފިރިހެނަކު މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅު ޖަހާ ހިންގި އަމަލާއި އަދި އެ އަމަލު ހިންގި މީހާގެ އަމަލުތައް ދިފާއު ކުރުމަށް ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ތަފާތު ވާހަކަތަކާއި ބަހަނާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ދީނީ ކަންކަމަށް ހަޖޫ ޖަހާ ދީނީ ޝިއާރުތަކާއި ދެކޮޅަށް އަޑު އުފުލަމުން ގެންދާ ފަރާތްތަކުގެ ހިމާޔަތުގައި މިސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ތަކުރާރުކޮށް މިސްކިތްތަކަށް ކުޑަކަމުގޮސް ހަތިމަށް ކުޅު ޖެހި މީހާގެ ވެސް ދިފާއުގައި ސަރުކާރުން މަސައްކަތް ކުރާކަމީ ވަރަށް ހިތާމަ ހުރި އަދި އެހާމެ ލަދުވެތި ކަމެއްގެ ގޮތުގައި އެ ކޯލިޝަނުން ވަނީ ފާހަގަކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނީ މިހާތަނަށް ބެލިބެލުމުން އެމީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަން އެނގިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދު ޖެންޑާ މިނިސްޓްރީން ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށް ބުނެފައެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިދިކޮޅު ކޯލިޝަނުން އިތުރަށް ބުނީ އެ މީހާއަކީ އެއްވެސް ކަހަލަ ބައްޔެއް ހުރި މީހަކަށް ނުވާއިރު އޭނާއަކީ ނަފްސާނީ ބަލި ހުރި މީހެއްކަމުގައި ދައްކާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުރި ހުރުންވެސް އެ ކޯލިޝަނުން ބަލާ ނުގަންނާނެ ކަމަށެވެ.