މިނިމަމް ވޭޖް، ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅިގެން ދިޔައީ ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރެވިގެން ކަމަށާއި، މިއަދު ކަނޑައެޅިގެން މި ދިޔަ އުޖޫރައަކީ މިއަދުގެ ހާލަތާ ގުޅޭ، އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ދުރު މުސްތަގުބަލުގައި އޭގެ ފައިދާ ލިބިގެން ދާނެ އުޖޫރައެއް ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖަކީ މީގެ އެތައް ސަތޭކަ އަހަރު ކުރިންވެސް ދުނިޔޭގައި އޮތް ނިޒާމެއް ކަމަށާއި، މިނިމަމް ވޭޖެއްގެ ވާހަކަ އޭރު ދެކެވި ކަނޑައެޅިގެން ދިޔައީ ވަޒީފާ އަދާކުރާ ފަރާތްތައް އަޅުވެތިކުރުމުގެ ސަގާފަތެއް އިންޑަސްޓްރިއަލް ގައުމުތަކުގައި އޮތުމުން، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަސަރުކުރިކަން ފާހަގަކުރައްވާ، މިނިސްޓަރު ވިދާޅުވީ އޭގެ ކުރިން އޮތް ހާލަތަށް ވިޔަފާރި ދިއުމަށްޓަކައި ދެ އަހަރު ނެގުން އެކަށީގެންވާ ކަމަށެވެ. އެއާއެކު މިނިމަމް ވޭޖެއްގެ ގޮތުގައި ދެވޭނީ ކިހާވަރެއްތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ

މިނިމަމް ވޭޖަށް އެއް އުޖޫރައެއް ކަނޑައަޅައިފިނަމަ، ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެ، ގިނަ ބައެއްގެ ވަޒީފާ ގެއްލިގެން ދާނެ ކަން މިނިސްޓަރު ފާޙަގަ ކުރެއްވިއެވެ. އެހެންވެ، މި ކަމަށް ލަފާ ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެއާ ގުޅިގެން ވަޒީފާގެ ގާނޫނަށް އަނެއްކާވެސް 2020 ވަނަ އަހަރު ބަދަލުތަކެއް ގެނެވުނީ. ގެނެވުނު އިރުގައި މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ ގޮތުގައި ކަނޑައެޅިގެން ދިޔައިރުގައި ކުރިއަށްވުރެ ވަޒީފާ އަދާކުރާ ފަރާތްތަކާ ވަޒީފާ ދޭ ފަރާތްތައް ރިޕްރެޒެންޓް ކުރެވޭނެ މެކޭނިޒަމް އެއް އޭގައި ކަނޑައެޅިގެން ދިޔަ."

މިއަދު ކަނޑައެޅި މިނިމަން ވޭޖް ކަނޑައެޅިގޮތް ފެންނަ ތާވަލެއް

މީގެ ކުރިންވެސް މިކަމާ ގުޅޭ ގޮތުން ދިރާސާ ކުރެވުނު އިރު، މިނިމަމް ވޭޖް ކަނޑައެޅުމަށް އެކުލަވާލި ބޯޑުން ވަނީ އެ ދިރާސާތަކަށް ބެލުމަށްފަހު، ގެންނަން ޖެހޭ ބަދަލުތައް އަރުވާފައި ކަމަށާއި، މިނިމަމް ވޭޖް ކަނޑައަޅާފައިވަނީ ބޯޑުގެ ލަފަޔާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ނިންމުންތަކަކީ ރަނގަޅު ނިންމުންތަކެއް ކަމަށާއި، ނަމަވެސް އިގްތިސޯދު އަދިވެސް ކުރިއަރައިގެން ނުދާތީ އެކަމުގެ އަސަރު ކުރާނެ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، މިނިމަމް ވޭޖް ކަނޑައެޅުނީ ވަރަށް ބައިވަރު ދިރާސާތަކަކަށް ފަހުގައި ކަމަށާއި، އެހެންކަމުން މި ކަނޑައެޅުނު އަދަދުތަކަކީ "މިއަދުގެ ހާލަތާ ގުޅޭ، އަދި ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔަފާރިތަކަށް ދުރު މުސްތަގުބަލުގައި ނަފާ ލިބިގެން ދާނެ އަގުތަކެއް" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު ދިވެހިން ވަޒީފާތަކަށް ނެރުމަށްޓަކައި ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ބޭންކާއި ގުޅިގެން ދިރާސާ ކުރެވި، މިކަމާ ގުޅޭ އަމަލީ މަސައްކަތްވެސް ކުރިއަށް ގެންދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންޑަސްޓްރީއަށް ބޭނުންވާ ރަނގަޅު ވަޒީފާތަކަށް ދިވެހިން ނެރުމަށްޓަކައި ދިރާސާތައް ކުރެވި، އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެން ތަމްރީނު ދޭންވީ ކޮންކަހަލަ ވަޒީފާތަކަށް ޓްރެއިނިން ދޭންވީ، އެ މަސައްކަތް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިމަމް ވޭޖް މިއަދު ކަނޑައަޅައި ސަރުކާރުން އިއުލާނު ކުރިއިރު، މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ އުޖޫރަތަކަކީ:

  • ކުދި ފަންތީގެ ވިޔަފާރި: 4500ރ.
  • މެދު ފަންތީގެ ވިޔަފާރި: 7000ރ.
  • ބޮޑެތި ވިޔަފާރި: 8000ރ.

މީގެ އިތުރުން ޕަބްލިކް ސެކްޓާގައި ހަ ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ 9 ދާއިރާއަކުންނެވެ.