އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖަށް އަމަލު ކުރުމަށްޓަކައި މުވައްޒަފުންގެ އޮނިގަނޑަށް ބަދަލު ގެނެސް، ފެނަކަ ކޯޕަރޭޝަނުން މިނިމަމް ވޭޖް ތަންފީޒު ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، އެ ކުންފުނިން މިނިމަމް ވޭޖް ތަންފީޒު ކުރުމުން، އެ ކުންފުނީގައި މަސައްކަތް ކުރާ 3،346 މުވައްޒަފަކަށް އެކަމުގެ ފައިދާ ލިބިގެން ދާނެ ކަމަށެވެ. އެއީ އެ ކުންފުނީގައި މަސައްކަތް ކުރާ 4،000 އެއްހާ މުވައްޒަފުންގެ ތެރެއިން 83 ޕަސެންޓު މުވައްޒަފުންނެވެ.

މިނިމަމް ވޭޖަށް އަމަލުކުރުމުގެ ކުރިން ފެނަކައިގެ ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ލިބެމުން ދިޔައީ 5،590ރ. އެވެ. ނަމަވެސް މިނިމަމް ވޭޖަށް އަމަލުކުރަން ފެށުމާއެކު، ބައެއް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 9،222ރ. ވަނީ ލިބެން ފަށާފައެވެ. އެއީ 3،600ރ. ގެ އިތުރުވުމެކެވެ.

މިނިވަން ވޭޖް އިއުލާން ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. މިނިމަމް ވޭޖާ އެއްގޮތަށް އަމަލު ކުރަން ފަށަން ޖެހެނީ މި އަހަރުން ފެށިގެންނެވެ.

ދާއިރާތަކަށް ކަނޑައަޅާފައިވާ މިނިމަމް ވޭޖް:

  • ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.
  • މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.
  • ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.
  • ސިވިލް ސާވިސް، މަހަކު 7000ރ.

ސަރުކާރުގެ އިދާރާތަކުންނާއި ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް މިނިމަމް ވޭޖަށް މި އަހަރުން ފެށިގެން އަމަލުކުރަން ޖެހެއެވެ.