މިނިމަމް ވޭޖް އެލަވަންސާ ގުޅޭ ގޮތުން މާލޭގެ ސްކޫލްތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދީފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ރޭ މާލޭގެ ސްކޫލްތަކުގެ މުވައްޒަފުންގެ ތެރެއިން އެސްއެސް 1 އިން ފެށިގެން ޖީއެސް 4 ރޭންކުގެ މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޝެޝަނެއް ބާއްވާފައިވާ ކަމަށެވެ. މި ޝެޝަންގައި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދުފުޅު ފުއްދުމަށްޓަކައި ސަރުކާރުން މިނިމަމް ވޭޖް ކަނޑައަޅާއި މިމަހުން ފެށިގެން މުސާރަ ހަމަޖެއްސުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިނިމަމް ވޭޖާ އެއްގޮތަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭނެ އުޖޫރައިގެ ތަފްސީލްތައް ހާމަ ކުރަމުން ޕޭ ކޮމިޝަނުން ބުނެފައި ވަނީ ސިވިލް ސާވިސްގެ 11،828 މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުން ޕެންޝަން ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭ އުޖޫރަ

ސަރުކާރުން އިއުލާން ކުރި މިނިމަމް ވޭޖް ކަނޑައެޅުމުގައި ސަރުކާރުން ވަނީ މިނިމަމް ވޭޖް އެލަވަންސްގެ ގޮތުގައި އެލަވަންސެއް ތައާރަފް ކޮށް ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން އެސްއެސް 1 އިން ފެށިގެން ޖީއެސް 4 ރޭންކާ ދެމެދުން 8 ރޭންކެއްގެ މުވައްޒަފުންނަށް އެ އެލަވަންސް ހަމަޖައްސާފައެވެ.

މިނިމަމް ވޭޖް ރޭންކްތަކަށް ދީފައިވާ ގޮތް ދައްކުވައިދޭ ތާވަލް

މިނިމަމް ވޭޖް މިހާރު ކަނޑައެޅި ގޮތަށް ބަލާއިރު އަސާސީ މުސާރައަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެހެންކަމުން މުސާރައަށް ބަދަލުތަކެއް ނާންނަ ކަމަށް ވާތީ މުސާރައަށް ބިނާކޮށް ދޭ އިތުރުގަޑީގެ އިނާޔަތަކަށް ވެސް ބަދަލެއް ނާދެއެވެ. ހަމައެއާއެކު ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް އަސާސީ މުސާރައިގެ 35 ޕަސެންޓް އެލަވަންސެއްގެ ގޮތުގައި ދޭ އެލަވަންސަށް ވެސް ބަދަލެއް ގެނެސްފައި ނުވެއެވެ.

މި މަހުން ފެށިގެން މިނިމަމް ވޭޖާ އެއްގޮތަށް މުސާރަ ހަމަޖައްސާނީ ހަމައެކަނި ދިވެހިންނަށެވެ.