ބިދޭސީންނަށް މިނިމަމް ވޭޖު ދިނުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްކުރީ 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އިސްލާހާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް އެންމެ ކުޑަ އުޖޫރަ ދޭން ޖެހޭގޮތަށް ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ގެނެސް، އެ ގާނޫނަށް އަމަލު ކުރަން ފެށީ ސެޕްޓެމްބަރު 22، 2020 ގައެވެ. އެ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެންމެ ކުޑަ އުޖޫރަ ދޭން ފެށިއެވެ.

މި ގާނޫނުގައި ވާގޮތުން ބިދޭސީ މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ވަނީ ހިމަނައިފައެވެ. އެމުއްދަތު މާދަމާ ހަމަވާނެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައި ބުނީ، ރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ރާއްޖޭގެ އިގުތިސޯދީ ހާލަތަށާއި ގައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރި ކަމަށް ރިއާއަތްކޮށް (މިނިމަންވޭޖް އެޑްވައިޒަރީ) ބޯޑުން މިނިސްޓަރަށް ދޭ ލަފާގެ މަތިން، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް ސަރުކާރުން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރަންވާނެ ކަމަށެވެ.

މިނިމަމް ވޭޖު އިއުލާން ކުރިއިރު ކަނޑައަޅައިފައިވަނީ ހަތަރު ދާއިރާއަކަށެވެ. އެއީ ކުދި ވިޔަފާރިތަކަށް މަހަކު 4,500 ރުފިޔާ، މެދު ފަންތީގެ ވިޔަފާރިތަކަށް މަހަކު 7,000 ރުފިޔާ، ބޮޑެތި ވިޔަފާރިތަކަށް މަހަކު 8,000 ރުފިޔާ އަދި ސިވިލް ސާވިސް (ޕަބްލިކް ސެކްޓާ)އަށް މަހަކު 7,000 ރުފިޔާއެވެ.