އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭ ގޮތުުން އިކޮނޮމިކް މިނިސްޓްރީގައި އެކުލަވާފައިވާ ވޭޖް އެޑްވައިޒަރީ ބޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑަކީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާ، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފެއްދުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ.

މި ބޯޑު އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއިން ކުރަމުން އަންނައިރު އެ މިނިސްޓްރީން ވަނީ މި ބޯޑުގައި ބައިވެރިވާން އެދޭ ޖަމްއިއްޔާ ޖަމާއަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ނަން ހުށަހެޅުމަށް އެދިފައެވެ.

މި ބޯޑުގައި ހިމެނޭ ދާއިރާތަކަކީ:-

- ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

- ކޮންސްޓްރަކްޝަންގެ ސިނާއަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

- އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

- ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން

މިނިސްޓްރީން ވަނީ ވޭޖް އެޑްވައިޒަރީ ބޯޑުގައި ބައިވެރިވުމަށް މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ފޯމު މެދުވެރިކޮށް ނަން ހުށަހެޅުމަށް އެދިފައެވެ.