ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި އޮތް އަޑުއެހުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރުނުވުމުން އެއަޑުއެހުން ކެންސަލް ކޮށްފިއެވެ.

އަލީ ވަހީދުގެ ޝަރީއަތް މިއަދު ތާވަލް ކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ.

ސްޕްރީމް ކޯޓުގައި މިއަދު ތާވަލް ކުރީ އަލީ ވަހީދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާ ޖިންސީ ގޯނާގެ ދައުވާތަކުގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހެޅި މައްސަލައެވެ.

ސުޕްރީމް ކޯޓުގައި މިމައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއްސުޢޫދުއާ، ފަނޑިޔާރު ޢަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރު ނުވުމުން އޭނާ ވަނީ ދެ މަހާ 12 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައެވެ.