ސްރީލަންކާގައި މާދަމާ ފަށަން ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓްގެ އަގު 3000 ރުޕީސް އަށް ކުޑަކޮށްފިއެވެ.
މި މުބާރާތުގައި ދިވެހިންނަށް މެޗު ބަލަން ވަދެވޭގޮތަށް ކުރިން އޮތީ މީހަކަށް 5000 ރުޕީސްއަށެވެ.
ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓިކެޓުގެ އަގު ކުރަކުރަން ލަންކާ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށައެޅީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެދުމުގެ މަތިން ކަމަށެވެ. އަދި މިގޮތަށް ނިމިގެންދިޔައީ ލަންކާ ފެޑެރޭޝަނުގެ ރައީސް ޖަސްވާރު އުމަރު އާއި ކުރެވުނު މަޝްވަރާތަކަށް ފަހު ކަމަށެވެ.
މަހްލޫފް ވިދާޅުވީ އަގުހެޔޮކޮށް ދިވެހިންނަށް ދޭން ނިންމާފައިވާ ޓިކެޓުތަކަކީ ދަނޑުގެ އެހެން ސަރަހައްދަކުން ދޫކުރަން ނިންމާފައިވާ ޓިކެޓުތަކެއް ކަމަށެވެ. އަދި މަހްލޫފް ވަނީ ލަންކާގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ނަމަލް ރާޖަޕަކްސް އާއި އެގައުމުގެ ފުޓުބޯޅަ އިދާރާއަށް ޝުކުރުއަދާކުރައްވާފައެވެ.
މުބާރާތުގައި ރާއްޖެއާއި ލަންކާ ބައްދަލުކުރާ މެޗު މާދަމާ ރޭ ކުޅޭއިރު މި މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. ނަމަވެސް ދިވެހިންނަށް ހާއްސަކޮށް ވިއްކާނީ ކިހާ އަދަދެއްގެ ޓިކެޓެއް ކަމެއް ހާމައެއްނުކުރެއެވެ.
ޓިކެޓް ވިއްކާނީ ލަންކާގެ ގަޑިން މިއަދުގެ މެންދުރު ފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެއެވެ. އަދި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވާ ވަގުތަކީ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށް ކަމަށް އެ ފަރާތުން ބުނެއެވެ.
ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން 8:00 ގައެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ.