އިރާގުގެ ބޮޑު ވަޒީރު މުސްތަފާ އަލް ކަދީމީ އަވަހާރަ ކޮށްލަން ދިން ޑްރޯން ހަމަލާއަކުން އެމަނިކުފާނު ސަލާމަތްވެވަޑައިގެންފައިވާ ކަމަށް އިރާގުގެ އަސްކަރިއްޔާއިން ބުނެފިއެވެ.
އިރާގުގެ އަސްކަރީ އޮފިޝަލުން ވިދާޅުވީ، މި ހަމަލާ އަމާޒުކޮށްފައި ވަނީ ވެރިރަށް ބަަޣްދާދުގައި ހުންނަ ބޮޑު ވަޒީރުގެ ގެކޮޅަށް ކަމަށާ، ހަމަލާ ދީފައިވަނީ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ.
މި ހަމަލާގައި ބޮޑު ވަޒީރަށް އެއްވެސް ގެއްލުމެއް ނުލިބުނު ނަމަވެސް ކަދީމީގެ ސަލާމަތީ ކަންކަން ބަލަހައްޓަން މަސައްކަތް ކުރާ މީހުންގެ ތެރެއިން ހަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ އަށް ފަހު ކުރެއްވި ޓުވީޓެއްގައި އިރާގުގެ ބޮޑު ވަޒީރު ކަދީމީ ވަނީ ގައުމުގައި ހަމަޖެހުން ގާއިމުކޮށް ހުރިހާ ފަރާތަކުން ވެސް އެއްބައިވަންތަކަން އިސް ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
އިރާގުގެ ބޮޑު ވަޒީރު އަވަހާރަ ކޮށްލަން ހަމަލާއެއް ދީފައި މިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެގައުމުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ގުޅިގެން އިރާގުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިމުޒާހަރާތަކުގައި އިސްވެ ހަރަކާތްތެރި ވަނީ އިރާގުގައި އުޅޭ ހަތިޔާރު އެޅި މިލީޝިއާ ޖަމާއަތްތަކުން ކަމަށްވާ އިރު މިދިޔަ މަހުގެ އިންތިހާބުގައި އެޖަމާއަތްތަކަށް ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ގޮނޑިތައް ގެއްލިފައެވެ.