ނިމިދިޔަ ހަތް ދުވަހުގެ ތެރޭ އެވަރެޖްކޮށް ދުވާލަކު 133 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައިފިއެވެ.

އެޗްޕީއޭއިން މިދިޔަ ހަތް ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެވަރެޖްކޮށް 133 މީހުން ދުވާލަކު އެވަރެޖްކޮށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ރަށްރަށުން އެވަރެޖްކޮށް 101 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އިއްޔެ އިރުއޮއްސި 6 އިން މިއަދު 6 އަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކާފައިވަނީ 130 މީހުންނެވެ، މާލެއިން 19 މީހުން އަދި ރިސޯޓުތަކުން އަށް މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ރަށްރަށުން 103 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި 42 މީހުންވެސް ހިމެނެއެވެ.

އެހެންކަމުން، ރާއްޖޭން ޖުމްލަ 88،516 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 86،290 މީހުން މިހާތަނަށް ބަލިން ރަނގަޅުވެފައިވާއިރު، އަދިވެސް ރަނގަޅުނުވެ 1،968 މީހުން އެބަތިއްބެވެ. މީގެ ހަތް ދުވަސް ކުރިން އެ އަދަދު އުޅުނީ 1،723 ގައެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑުގެ ބަލީގައި ނިޔާވެފައިވަނީ 245 މީހުންނެވެ. އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ މިއަދު ކަމަށްވާއިރު، މިމަހުގެ މިހާތަނަށް ދެ މީހަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ.