ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދައުލަތުން ދޫކުރާ މާލީ އެހީއަށް ހަރަދު ކުރާ މިންވަރު މިދިޔަ އަހަރަށް ވުރެ 500 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިދިޔަ އާދީއްތަ ދުވަހު ހުށަހެޅުއްވި، 2022 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި އެ ކަމުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ މުޅި އަހަރަށް 1.2 ބިލިއަން ރުފިޔާ ނުވަތަ 1200 ހާސް މިލިއަން ރުފިޔާއެވެ.

އެއީ އެހެން އަހަރުތަކުގެ ބަޖެޓުގައި ހިމެނިފައިވާ އަދަދަށް ވުރެ ކުޑަ އަދަދެކެވެ. މި ހިނގާ 2021 ވަނަ އަހަރަށް ލަފާ ކުރި ދައުލަތުގެ ބަޖެޓުގައި އެ ކަމަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ. އޭގެ ކުރިން 2020 ވަނަ އަހަރު އެ ކަމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 24.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓަކަށްވާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން މިއީ 11.1 ޕަސެންޓުގެ ޑެފިސިޓެކެވެ.