ލަންކާގެ ގަމްޕޯލާ ހޮސްޕިޓަލުގައި ހުރި ފެން ތާންގީއަކުން މަރުވެ 56 ދުވަސް ވެފައިވާ މީހަކު ފެނިއްޖެއެވެ.

މަރުވެފައި އިއްވާ ފެނުނީ ފުލުސް ސާޖެންޓެއް ކަމަށްވާ އިއާންބޮވަން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ގެއްލިގެން ހޯދަމުންދާތާ ދުވަސްތަކެއް ފަހުން އޭނާގެ ހަށިގަނޑު ފެނިފައި ވާއިރު ރިޕޯޓުތައް ބުނާ ގޮތުން އޭނާ އެ ތާނގިތެރޭގައި އޮންނަތާ 56 ދުވަސް ވެދާނެއެވެ.

މިހާތަނަށް ހަދާފައިވާ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭނާވަނީ ކޮވިޑަށް ވެސް ޕޮޒިޓިވް ވެފައެވެ. ގަމްޕޯލާ ހޮސްޕިޓަލުގައި ހުންނަ މި ފެންތާންގީއަކީ ގިނަ ބަޔަކު ބޭނުންކުރާ އެއްޗެކެވެ.

ލަންކާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގިނަ ބަޔަކު ވަނީ މި ތާނގިން ޕަންޕުކުރާ ފެން ބޮއެފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި ހޮސްޕިޓަލަށް ގޮސް ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން ހިމެނެއެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ސާޖަންޓް އިއާންބޮވަން ގެއްލިގެން ހޯދަން ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ. މި މައްސަލަ އެގައުމުގެ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.