ދިރާގުގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅޭ ފަރާތްތަކުން އެކުންފުނީގެ ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް ހިލޭ ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ މުއްދަތު މިއަހަރުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ދިރާގުން ބުނީ، މިއީ އޭޑީއެސްއެލްގެ ހިދުމަތް ގެންގުޅޭ ފަރާތްތަކަށް އޮތް ފުރުސަތެއް ކަމަށާއި، މި ޕްރޮމޯޝަންގެ ދަށުން ހިލޭ ފައިބަ ގުޅައިދިނުމުގެ އިތުރުން، ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓަރުވެސް ހިލޭ ލިބިގެންދާނެ ކަމަށެވެ.

ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑަށް ހިދުމަތް ބަދަލުކޮށްލަން ބޭނުންވާ އޭޑީއެސްއެލް ކަސްޓަމަރުންނަށް ދިރާގުގެ ވެބްސައިޓުގައިވާ މައި އެކައުންޓް މެދުވެރިކޮށް ހިދުމަތް ބަދަލުކޮށްދިނުމަށް އެދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން ދޭ ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ އެލަވަންސް ގިނަ، ސްޕީޑް ހަލުވި ޕެކޭޖުތައް ހިމެނޭ ހިދުމަތް ކަމަށާއި، އެ ހިދުމަތަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކުވެސް އޮންނަ ހިދުމަތް ކަމަށެވެ. އެގޮތުން ރާއްޖޭގެ 80 ޕަސެންޓު ގޭބިސީތަކަށް މިހާރު މި ޚިދުމަތް ފޮރުކޮށްދީފައިވާ ކަމަށްވެސް ބުންޏެވެ.

ދިރާގުން ބުނީ، އެކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ފައިދާ ލިބޭ ގޮތަށް ހިދުމަތްތައް ފަރުމާކޮށް ތައާރަފު ކުރުމަށް ކަމަށެވެ.