ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު، ޖިނާއީ އިޖުރާއާތްތަކާ ބެހޭ ގާނޫނާ ހިލާފަށް އަމަލު ކުރައްވާފައިވާ ކަމަށް ބުނެ، އޭނާގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

އެކޮމިޝަނުން ބުނީ، ކްރިމިނަލް ކޯޓުގައި ބޭއްވުނު ބަންދު މުރާޖައާކުރުމުގެ އަޑުއެހުމެއްގައި ހަސަން ސައީދު އަމަލު ކުރައްވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތްތަކުގެ އުސޫލުތަކާ ހިލާފަށް ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް، އެކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ވަނީ ނިންމާފައި ކަމަށެވެ.

ނަމަވެސް މިއީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ހުށަހެޅިފައިވާ ސުލޫކީ މައްސަލައެއްކަން އެނގޭކަށް ނެތެވެ.

އެހެންކަމުން، މިއަދު އެކޮމިޝަނުން ބޭއްވި ޖަލްސާގައި ހަސަން ސައީދުގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާނެ ކަމަށް، އެކޮމިޝަނުން ބުންޏެވެ.

މި މައްސަލައިގެ ކުރިންވެސް، ހަސަން ސައީދުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފެމިލީ ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމުގައި ހުރެ، އެ ކޯޓުގެ މުވައްޒަފުން ރާއްޖޭން ބޭރަށް ފޮނުވައިގެން ކޮށްދިން ކަމަށް ބުނާ ކައިވެންޏެއްގެ މައްސަލައަކާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށްފައި ވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ މައްސަލައެކެވެ.