މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 55.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީގެ ތިން ވަނަ ކުއާޓާގެ މާލީ ރިޕޯޓު ދައްކާގޮތުގައި އެ ކުންފުންޏަށް 484.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 55 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 51.2 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ ދަށްވެފައެވެ.

އެގޮތުން މި އަހަރުގެ ފުރަތަަމަ ކުއާޓަގައި ވެސް އެ ކުންފުންޏަށް ލިބުނީ 423 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ނަމަވެސް ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓާގައި ލިބުނީ 62 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް 423 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ އިރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 63 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީ އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ ކޮންޓްރެކްޓަށް ނެގި މަސައްކަތްތަކުންނެވެ.

އެގޮތުން ތިން ވަނަ ކުއާޓަރުގައި ކޮންޓްރެކްޓަށް ނެގި މަސައްކަތްތަކުން ލިބުނު އާމްދަނީ ވަނީ އަށް ޕަސަންޓް އިތުރުވެފައި ކަން މާލީ ރިޕޯޓުން ދައްކައެވެ.