ހއ. މުރައިދޫ މިސްކިތް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ 924 މީހުންގެ އާބާދީއެއް ދިރިއުޅޭ މުރައިދޫ ރައްޔިތުންނަށް މި ސޮއެކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު އިޖުތިމާއީ ގޮތުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 3650 އަކަފޫޓުގެ ސަރަހައްދެއްގައި 300 މީހުންނަށް ނަމާދު ކުރެވޭގޮތަށް މިސްކިތެއް ބިނާކުރަން ހަމަޖެހިފައިވާކަމަށާއި، މި މިސްކިތުގައި ނަމާދުކުރާ ކޮޓަރިއެއް ގާއިމުކުރުމާއ،ި ފިރިހެނުންނާއި އަންހެނުންނަށް ވުޟޫ ކުރާތަން ހެދުމާއ،ި މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ ސާމާނު ބަހައްޓާނެ ތަނެއް ހެދުމުގެ އިތުރުން މުންނާރެއް ހެދުމާއެކު މިހުރާބް ގެއެއްވެސް ހަދަން ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން މި މިސްކިތުގައި ސައުންޑް ރޫމަކާއެކު އިމާމުންނަށް ހާއްސަ ކޮޓަރިއެއްވެސް ހަދަން ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މިއީ 7.21 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓްރީގެ ނައިބު އިބްރާހިމް އާސިމްއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީއަކީ ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާއެކު ހިންގާފައިވާ ކުންފުންޏެކެވެ.