އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ، މީޑިއާގައި ދައުރުވަމުން ދިޔަ އޯޑިއޯތަކުގައިވާ އަޑާއި، ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާވާކަމަށް ބުނެ ރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނަކީ ތާކުންތާކު ނުޖެހޭ ގޮތަކަށް ނެރުނު އެއްޗެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ވަނީ އެ އޯޑިއޯތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ތަހުގީގު ލަސްވަމުން ދާތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޖޭއެސްއީއިން ނެރުނު ބަޔާނަކީ އިއްޔެ ދެއްކި ވާހަކައަށް ރައްދުދީ ނެރުނު ތާކުންތާކު ނެޖެހޭ ބަޔާނެއް ކަމަށެވެ.

ޖޭއެސްސީއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ކުރި ފޮރެންސިކް އެނަލިސިސްގެ ނަތީޖާއިން ދައްކާ ގޮތުން، އެ އޯޑިއޯތަކުގައިވާ އަޑުތައް ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާ ދިމާނުވާކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށްވާތީ، އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

ފުލުހުންގެ ތަހުގީގަށް ފޮނުވި އެ ތިން އޯޑިއޯއަކީ ޓެމްޕާކޮށް، ވަކި ބައިތަކެއް ޑިލީޓްކޮށް، ނުވަތަ ވަކި ކްލިޕްތަކުން ގުޅުވާފައިވާ އޯޑިއޯތަކެއް ކަން ފުލުހުން ކުރި ތަހުގީގުން އެނގޭ ކަމަށް އެކޮމިޝަނުން ބުންޏެވެ.

އަދުރޭ ވިދާޅުވީ މީގެ މަސްދުވަސް ކުރިން ފުލުހުންގެ އެންމެ އިސް ވެރިންނާ ވެސް ޕާޓީގެ ލީޑާޝިޕުން ބައްދަލުކުރި ކަމަށެވެ. އަދި ވިދާޅުވީ ވަކި ފަރާތަކާ ހަވާލު ކޮށްގެން އެ އޯޑިއޯތަކުގެ ތަހުލީލު ކުރަމުން އަންނަ ކަމާއި އެހެންކަމުން އަދި އިތުރު 5 ދުވަސް ބޭނުންވާ ކަމަށް ފުލުހުން އެ ދުވަހު ބުނި ކަމަށެވެ.

އެއްވެސް މައުލޫމާތެއް ނުލިބި ލަސްވާތީ ދެވަނަ ފަހަރަށް ފުލުހުންނާ ބައްދަލުކުރި ދުވަހު، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އަދި އިތުރު 10 ދުވަސް ބޭނުންވާ ކަމުގައި ޑީސީޕީ މަންނާނު ވިދާޅުވި ކަމަށާއި އޭގެ ފަހުން އެ ވިދާޅުވި ދިހަ ދުވަސް ވެސް މިހާރު ފަހަނަ އަޅައި ހިންގައްޖެ ކަމަށެވެ.

އަދުރޭ ވިދާޅުވީ މީގެ ކުރިން ފުލުހުން ވަނީ ބޭރުގެ ފަރާތަކާއި ހަވާލުކޮށްގެން އެ އޯޑިއޯތައް ތަހުލީލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފާ ކަމަށެވެ. އަދި އެ ދުވަހު އެކަން ގޮސްފައިވަނީ ކިހާ ހިސާބަކަށް ތޯ ސުވާލުކުރެެއްވި ކަމަށާއި ޑީސީޕީ މަންނާނު އެކަމަށް ބޭނުންވާ ބަޖެޓުވެސް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި ކަަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެ ސާމްޕަލް ހިފައިގެން ދާންޖެހޭނީ ފުލުހުންގެ އޮފިސަރެއްކަންވެސް އެ ދުވަހު މަންނާނު ވިދާޅުވި ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ، ރޭ އެ ސާމްޕަލް ހިފައިގެން ފުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެހެންނަމަވެސް ރޭ އެހާ އަވަހަށް އެ އަޑުތައް ކަށަވަރުކޮށް ޖޭއެސްސީއިން ބަޔާނެއް ނެރުފައިވާތީ އެކަމާއި އަދުރޭ ވަނީ ސުވާލު އުފައްދާފައެވެ.

ޕީޖީ ޝަމީމްއާ ބައްދަލުކުރެއްވި ދުވަހު، ވަރަށް ގާތުން އެކަން ބެއްލެވުމުގެ އިތުރުން ފުލުހުންގެ ތަހުގީގު ޓީމާ މަޝްވަރާ ކުރުމަށްފަހު، އެ މަސައްކަތް ކުރިއަށް ދާނުދާގޮތް ޕާޓީއާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިހާރު އެގޭފަހުން 2 މަސް ފާއިތުވެފައިވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އެއްވެސް މައުލޫމާތެއް ނުލިބި ލަސްވާތީ ދެވަނަ ފަހަރަށް ފުލުހުންނާ ބައްދަލުކުރި ދުވަހު، ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި އަދި އިތުރު 10 ދުވަސް ބޭނުންވާ ކަމުގައި ޑީސީޕީ މަންނާނު ވިދާޅުވި ކަމަށާއި އޭގެ ފަހުން އެ ވިދާޅުވި ދިހަ ދުވަސް ވެސް މިހާރު ފަހަނަ އަޅައި ހިންގައްޖެ ކަމަށެވެ.