ކުޑަކުދިން ބަންދު ކުރަން އެކަށީގެންވާ ޖަލެއް ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދާދި ފަހުން ނިންމާފައި ވާތީ، ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާކުރި 4 މީހުންގެ ތެރޭގައި ހިމެނޭ 18 އަހަރު ނުވާ ކުޑަކުއްޖާ ޖުވެނައިލް ކޯޓުން މިއަދު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

މިދިޔަ ފެބްރުއަރީ މަހު 8 ވަނަ ދުވަހުގެ ރޭ އުދައްޔުއަށް ހަމަލާދީ މަރައިލި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއް ވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލު ކުރަން ޖުވެނައިލް ކޯޓުން މިއަދު އަމުރުކުރީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ޖަލެއް މި ވަގުތު ނެތް ކަމަށް އެޗްއާރުސީއެމުން ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބަޔާން ކޮށްފައި ވާތީއެވެ.

އުދައްޔުގެ މަރާ ގުޅިގެން 18 އަހަރުން ދަށުގެ ކުޑަކުއްޖާގެ އިތުރުން ދައުވާ ކޮށްފައިވަނީ ގއ. މާމެންދޫ/ ރިހިފަރުދާގެ، އަހުމަދު ޝަމީމް، ގއ. މާމެންދޫ/ ބިލަތްމާގެ، ޝަރަފު ރަޝީދު އަދި ގއ. މާމެންދޫ ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ.