ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިން ނަމަވެސް ދަރިވަރުންގެ ކިޔެވުމަށް މާބޮޑު އަސަރެއް ނުކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓަަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ހަވާލުވިތާ މާ ގިނަދުވަސްތަކެއް ނުވަނީސް ކޮވިޑުގެ ހާލަތު ކުރިމަތިވި ކަމަށާއި އެއާއެކު ދަރިވަރުން ކިޔަވަމުން ދިޔައީ ވަރަށް ހާލުގައި ކަަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ކުރި އަސަރު ބަލަން ޑައިގްނޯސްޓިކް ޓެސްޓުތަކެއް ހެދި ކަމަށާއި އޭގެ ނަތީޖާއިން ދަރިވަރުންގެ ކިޔެވުމަށް އެހާ ބޮޑު އަސަރެއް ކޮށްފަި ވާ ކަން ފެންނަން ނެތް ކަން އެނގިވަޑައިގެންނެވި ކަމަށެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން ސްކޫލުތައް އެންމެ ފުރަތަމަ ބަންދުކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އޭގެ ފަހުން ހާލަތު ރަނގަޅުވުމުން ސްކޫލުތައް ހުޅުވި ނަމަވެސް ކޮވިޑުގެ ހާލަތު ގޯސްވަމުން ދިއުމުން ދޭތެރެ ދޭތެރެއިން އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިޔައެވެ. މި އަހަރު ވެސް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ސްކޫލުތައް ބަންދުކުރިއެވެ.