ސްކޫލު ވެށީގައި ދަރިވަރުންނަށް ޖިންސީގޯނާ ކުރި މައްސަލާގައި 30 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު އައިޝަތު ވިދާޅުވީ، ސުކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ އެކިއެކި ގާނޫނުތަކުގެ ތެރެއިން މިނިސްޓްރީއަށް ލާޒިމުވާ ކަމެއް ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެގޮތުން މިފަދަ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ވަގުތުން އެންގުމަށް ހުރިހާ ސުކޫލެއްގައި ވެސް ހާއްސަ އޮފިސަރަކު ހުންނާނެ ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ގަލޮޅު މަދުރަސާގައި މަސައްކަތު މީހަކު ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ މައްސަލާގައި އިތުރު ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށާއި އިތުރު ސީސީވީ ކެމެރާތައް ހަތުކޮށް، މުދައްރިސުން އިތުރަށް މިފަދަ ކަންކަމަށް ސަމާލުވުމަށް އަންގާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޖިންސީ ގޯނާގެ މައްސަލަތަކުގައި 40 މީހަކާމެދު މިނިސްޓްރީން ތަހުގީގު ހިންގާފައިވާ ކަމަށާއި އަދި 30 ވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި މިވަގުތު 7 މީހަކު ސަސްޕެންޑު ކޮށްފައި ތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.