މެލޭޝިއާގެ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ސިއްހަތަށް ނުރައްކާވާ ކަހަލަ މާއްދާއެއް ނެތް ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.

އެމްއެފްޑީއޭ އިން މިހެން ބުނެފައި މިވަނީ ހަޕް ސެންގް ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ކެންސަރު ޖެހޭ މާއްދާއެއް ކަމަށްވާ ކާސިނޮޖެންސް އެކުލެވޭ ކަމަށް ހޮންކޮން ކޮންސިއުމާ ކައުންސިލް (އެޗްކޭސީސީ) އިން ބުނެފައިވާތީ އެ އޮތޯރިޓީން އެކަން ބެލުމަށްފަހުއެވެ.

މެލޭޝިޔާގެ ހެލްތު މިނިސްޓްރީ އާއި ހަވާލަދީ އެމްއެފްޑީއޭ އިން ބުނީ ހަޕްސެން ބިސްކޯދުގައި ކެންސަރަށް މަގުފަހިވާ މާއްދާ ހުރީ ޔޫރަޕިއަން ޔޫނިއަން ކޮމިޝަންގެ ބެންޗް މާކް ލެވަލް އިން ވަޒަންކުރާ މިންވަރަށްވުރެ މަދުން ކަމަށް ވުމުން މިއިން ނުރައްކާތެރި ކަމެއް ނެތް ބިސްކޯދެއް ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ބާވަތެއްގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް އެއްވެސް މާއްދާއެއް ހިމެނޭނަމަ އެ އޮތޯރިޓީން އެކަމެއް ބަލައި އާންމުންގެ ސަމާލުކަމެއް ގެންނާނެ ކަމަށެވެ.