ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒްއެއް ރާއްޖެ އެތެރެ ކުރެވިފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރްގް އޮތޯރިޓީ އެދިއްޖެއެވެ.

ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒް އަކީ "ފްރޮމެޖަރީ ޓޫރެޓް - ސްޓްރާސްބާގް" 250 ގްރާމް އެވެ. ފައިން ފުޑްސް ޑިސްޓްރިބިއުޓާގެ މި ޗީސްގެ މުއްދަތު ހަމަވާ ތާރީހަކީ އަންނަ ހުކުރު ދުވަހެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނީ "އީކޮލައި" ޖަރާސީމުން ތަގައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ފަރަންސޭސި ވިލާތުގެ ޗީޒު ދިވެހިރާއްޖެއަށް އެތެރެވެފައިވާ ކަމަށެވެ.

އެ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް އަންގާފައިވަނީ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކް (އައިއެންއެފްއޯއެސްއޭއެން) އަދި ޔޫރަޕުގެ ރެފިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ޖަރާސީމުން ތަގައްޔަރުވެފައިވާ ޗީޒްގެ އިތުރު މައުލޫމާތު/ ފޮޓޯ: ފުޑް އެންޑް ޑްރަގް އޮޓޯރިޓީ

އެ އެލާޓާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަރަންސޭސި ވިލާތުގެ އެ ބްރޭންޑްގެ ޗީޒު ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އޮތޯރިޓީއިން ވަނީ އަންގާފައެވެ.

އިޒިނީ ސެންޓް މެއާ ޗީޒް ވަނީ ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަގައްޔަރުވެފައި ކަމަށް ބުނެ އެ ޗީޗް ވިއްކުމާއި ބޭނުން ކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ މިދިޔަ ސެޕްޓެމްބަރުމަހު މަނާކޮށްފައެވެ.