ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (DEG) އަދި އިތަލީން ގްލައިކޯލް (EG) ހިމެނޭ ސިޓްރަޒިން ބޭހުގެ ބެޗެއް ރާއްޖެއިން ފެނިފައިވާތީ އެ ބޭސް ބޭނުން ކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެފްޑީއޭއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތަލީން ގްލައިކޯލް (DEG) އަދި އިތަލީން ގްލައިކޯލް (EG) ހިމެނޭ ކަމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ކޮށްފައިވާ އެލާޓްތަކާ ގުޅިގެން ދިވެހިރާއްޖެއިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު، ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާފައިވާ އަލެގްރާ ބްރޭންޑުގެ 5 އެމްއެލް ސިޓްރަޒިން ދިޔާ ބޭހުގެ ބެޗު B220 އިން މި ކެމިކަލް ފެނިފައިވާ ކަމަށް އެފްޑީއޭ އިން ބުނެއެވެ.

ކެމިކަލް ހިމެނޭ ބޭހާ ގުޅޭ އިތުރު މައުލޫމާތު

އެފްޑީއޭއިން އިތުރަށް ބުނީ އެ އޮތޯރިޓީއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މި ފާހަގަކުރެވުނު ބްރޭންޑުގެ އިތުރު ތަހުލީލު ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމާފައިވާތީ، މި ޓެސްޓުގެ ނަތީޖާ ލިބި، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން މި ބްރޭންޑް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އެ ކެމިކަލް ދެނެގަތުމަށްޓަކައި ކުރަންޖެހޭ ކޮންފާމޭޓްރީ ޓެސްޓް ދިވެހިރާއްޖޭގައި ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ނުވާތީ، ސްކްރީންކޮށް މިކެމިކަލް މާއްދާ ހުރިކަން ފާހަގަ ކުރެވޭ ޓެސްޓުތައް އެފްޑީއޭއިން ކުރަމުން އަންނަނީ ރާއްޖެއިން ބޭރުގެ ލެބޯޓަރީއަކަށް ފޮނުވައިގެންނެވެ.