މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލަމާތް ކުރުމަކީ ހަމައެކަނި ޓްރީޓްމަންޓް ސެންޓަރަކުން ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި މުޖުތަމައުގެ އެހީ އާއި އެމީހުންނާ ދޭތެރޭ ދެކޭ ގޮތް ވެސް ބަދަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް ހޭލުންތެރި ކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ އެކްސްޕޯ "އަހަރެމެންނާއެކު އެކްސްޕޯ" ފައްޓަވައި ދެއްވާ އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ. ފައިސަލް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށެވެ.

"މިއީ ތަނެއްގައި ރިއްސާލީމަ އިންޖެކްޝަނަކާ ބޭސްގުޅައެއް ދޭހެން ހައްލުވާނެ ކަމެއް ނޫން. ވަށާޖެހޭ އުސޫލެއް އޮންނަންޖެހޭ. ޕްރިވެންޝަން މަސައްކަތާއި، ޑިޓޮކްސް އަދި ރިހެބިލިޓޭޝަން މަސައްކަތުގެ އިތުރުން މަސައްކަތް ދަސްކޮށްދީ މުޖުތަމައުގެ ބަލައިގަތުން ވެސް ބޭނުންވޭ."
ނައިބު ރައީސް ފައިސަލް ނަސީމް

މިއީ ހަމައެކަނި ޓްރީޓްމަންޓް ސެންޓަރަކުން ނުވަތަ ދެވޭ ފަރުވާއަކުން ހައްލުވާނެ މައްސަލައެއް ނޫންކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެންމެ މުހިންމީ އެމީހުންނަށް މަސައްކަތް ދަސްކޮށްދީ، އެފަދަ މިހުންނާ މެދު މުޖުތަމައު ދެކޭ ގޮތް ބަދަލު ކުރުން ކަމަށެވެ.

މަސްތުވާތަކެތީގެ ހިތާމަ ތަހައްމަލުކުރަން ނުޖެހޭ އާއިލާއެއް ރާއްޖޭގައި މަދުވާނެ ކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ، މިހާބޮޑު މައްސަލައަކަށް ހައްލު ގެނެވޭނީ، އެހާމެ ބޮޑު މަސައްކަތެއް ކަމާގުޅުން ހުރި އިދާރާތަކާއި މުޖުމައު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. ރާއްޖޭގެ މުޅި މުސްތަގުބަލު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށާއި ޒުވާނުން މި ވަބާއިން ސަލާމަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައި ކުރިއަށް ދާ މި އެކްސްޕޯ މިރޭ 10:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖހެިފައެވެ. މިއީ ނެޝަނަލް ޑްރަގް އެޖެންސީ އާއި، ކަމާ ގުޅުން ހުރި ބޭރު ޖަމިއްޔާތަކާއި ރާއްޖޭގެ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.

މި އެކްސްޕޯގެ ތެރެއިން ޕެނަލް ޑިސްކަޝަންތަކާއި، އިންފޮމޭޝަން ސްޓޯލް އަދި ތަފާރު ގޭމްތަކާއި ހަރަކާތްތަކުގެ ތެރެއިން މައުލޫމާތު ފޯރުކޮށްދިނުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖހެިފައެވެ. އަދި މިއަހަރު އަލަށް ފެށި މި އެކްސްޕޯ ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާނެ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ އިން ވަނީ ބުނެފައެވެ.