ރައްޔިތުންގެ މަޖިލީހުގެ ހަތް ކޮމިޓީއަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެންބަރުން ހަމަޖައްސައި، ކޮމިޓީތަކަށް ބަދަލު ގެނެސްފިއެވެ.

މިދިޔަ މަހުގެ 25 ގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރި އެމްއެންޕީ، ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފައިވަނީ އޭގެ ދެދުވަސް ފަހުންނެވެ.

އެއާއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ، މަޖިލީހުގެ ކޮމިޓީތަކަށް އައްޔަނުކުރި އެ ޕާޓީގެ މެމްބަރުންގެ ނަންތައް އިއުލާނު ކުރައްވާފައެވެ.

ކޮމިޓީތަކަށް އެމްއެންޕީގެ މެމްބަރުން އައްޔަނުކުރި ގޮތް:

  • ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއާއި އެސްއޯއީ ކޮމިޓީއަށް)
  • ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް (މާލިއްޔަތު ކޮމިޓީއާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް)
  • ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި ހިއުމަން ރައިޓްސް ކޮމިޓީއަށް)

ކޮމިޓީތަކަށް ގެނެވުނު އިތުރު ބަދަލުތައް:

  • ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް (ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް)
  • ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން (ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް)

އީވާ ހުށަހެޅުއްވި ބަދަލުތައް ފާސްވެފައިވަނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން، 34 މެމްބަރުންގެ ވޯޓުންނެވެ.

ކޮމިޓީތަކަށް ބަދަލު އައި ނަމަވެސް، އެ ކޮމިޓީތަކުގެ މެޖޯރިޓީ އޮތީ އެމްޑީޕީގައެވެ.