ކުރިއަށް އޮތް އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ތިންވަނަ ފަހަރަށް އައްޔަނު ކޮށްފިއެވެ.

ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ނާޝިޒް އައްޔަނު ކުރީ، މަޖިލީހުގެ މާލީ ކޮމިޓީއާއި އިގްތިސޯދާއި ބެހޭ ޖޮއިންޓް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތް ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ނާޝިޒުގެ ނަން ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. އަދި އެ ނިންމުމަށް ތާއީދު ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

ނާޝިޒުގެ ނަމަށް ތާއީދު ކުރައްވާ، ޖާބިރު ވިދާޅުވީ، ކޮވިޑް-19 ގެ ދުވަސްވަރު ބަޖެޓް ކޮމިޓީން ކުރި މަސައްކަތުން، ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓިގެން ދިޔަ ކަމަށާއި، މާލިއްޔަތު ކޮމިޓީ ހިންގުމުގައިވެސް ނާޝިޒް މަސައްކަތް ކުރެއްވީ ފަރުވާތެރިކޮށް ކަމަށެވެ.

މީގެ އިތުރުން، ބަޖެޓް ކޮމިޓީގެ ނައިބު މުގައްރިރަކަށް އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ގެ ނަން، ނާޝިޒް ވަނީ ހުށަހަޅުއްވާފައެވެ. ބިގޭގެ ނަމަށްވެސް ތާއީދު ކުރެއްވީ ނާޝިޒުގެ ނަމަށްވެސް ތާއީދު ކުރެއްވި ޖާބިރެވެ. މެމްބަރުންގެ ވޯޓަށް އެހުމުން، ހުރިހާ މެމްބަރުންގެ އިއްތިފާގުން، އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަނު ކޮށްފައިވަނީ ބިގޭއެވެ.

މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބަައްދަލުވުމުގައި، ދެން އޮތީ ކޮމިޓީ ހިންގާ ގަވާއިދު ފާސްކުރުމެވެ. އެ ގަވާއިދު އޮތް ގޮތަށް ފާސްކުރަން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ. އެއާއެކު، ހުރިހާ މެމްބަރުންގެ އިއްތިފާގުން ކޮމިޓީ ހިންގާ ގަވާއިދު ވަނީ ފާސްކޮށްފައެވެ.

އެއާއެކު، އަންނަ ހަފްތާގައި ކޮމިޓީގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވިދާޅުވެ، ނާޝިޒު ވަނީ މިއަދުގެ ބައްދަލުވުން ނިންމަވާލައްވައިފައެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 36.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.