އަންނަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ކޯލިޝަނުން މާލޭގައި ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުކުރު ދުވަހުގެ ހިނގާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރީގެ ކައުންސިލަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ މިނިވަން ކަމުގެ ދިފާއުގައި މިއަދު ދިވެހިން ނުނިކުމެއްޖެ ނަމަ ދެން މާދަމާ ނިކުންނާނެ ބަޔަކު ނުތިބޭނެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ މީހުންގެ އެއްބާލުން ލިބެމުން އަންނަ ކަަމަށެވެ.

މިދިޔަ ހަފްތާ ހުކުުރު ދުވަހުވެސް އިދިކޮޅުން ވަނީ މާލޭގައި ހިނގާލުމެއް ބާއްވާފައެވެ. އެ ހިނގާލުމުގައިވެސް ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ، ނޮވެމްބަރު 5 ވާ ހުކުރު ދުވަހު ބާއްވާ ހިނގާލުމަކީ "މިނިވަންކަމުގެ ހިނގާލުން" ނަމުގައި ބާއްވާ ސުލްހަވެރި ހިނގާލުމެއް ކަމަށެވެ.

މިހިނގާލުން ފެށޭނީ ހުކުރު ދުވަހު ހަވީރު 3:45 ގައި ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށް އެ ކޯލިޝަަނުން ބުނެފައިވެއެވެ. އެ ކޯލިޝަނުން ދޭތެރެއިން ދޭތެރެއިން ދަނީ އެކި ނަންނަމުގައި ހިނގާލުންތަކާއި އިވެންޓްތައް ބާއްވަމުންނެވެ.