ނަރުދަމާ މަސައްކަތެއް ކުރަމުންދާތީ ހިޔާ ޓަވަރު 5 އިން ފެނުގެ ހިދުމަތް މެދުކެޑިގެން ދާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ މިއަދު H5ގެ ނަރުދަމާ ނިޒާމްގެ މަސައްކަތްތަކެއް ކުރުމަށްޓަކައި މެންދުރުފަހު 3:30 އިން ހަވީރު 5:00 އަށް އެ ޓަވަރުގެ ފެނުގެ ހިދުމަތް މެދު ކެނޑިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތުގެ ބާވަތުން އަންގާފައިވާ ވަގުތަށް ވުރެން އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ވަނީ މިކަމުގެ ސަބަބުން ފުލެޓުގައި ދިރިއުޅޭމުންދާ އަދި ފުލެޓުގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

ހިޔާ ފްލެޓްތަކުގެ ހިމެނޭ 6،720 ހައުސިން ޔުނިޓް ހިމެނޭއިރު، މިހާތަނަށް 650 އާއިލާއަކުން ވަނީ ހިޔާ ފްލެޓަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެހެންކަމުން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ފްލެޓްތަކުގައި ދިރިއުޅެމުން އެބަ ދެއެވެ.

ފްލެޓްތަކުން ފީ ނަގަން ފެށުމުގެ ކުރިން، އާންމު ހިދުމަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައެވެ. އެގޮތުން ފިހާރައާއި ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަން ހެދުމަށް ބީލަމަށް ހުޅުވާލާފައިވާއިރު، މިމަހު ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި ފިހާރައެއްވެސް ވަނީ ހުޅުވާފައެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ސަރަހައްދުގައި ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތްކުރާނެ ބަޔަކުވެސް ހޯދުމަށް ވަނީ އިއުލާން ކޮށްފައެވެ.