އައިޖީއެމްއެޗްގައި މަސައްކަތްކުރާ އަންހެން ނަރުހެއް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

އެ ނަރުސް މީހާ މަރުވިކަން ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ. އެކަމާ ގުޅިގެން، އައިޖީއެމްއެޗުން މީގެ ކުރިން "ދަ ޕްރެސް" އަށް ބުނީ އެ ނަރުސް މަރުވިތާ ދެ ދުވަސް ވެއްޖެ ކަމަށެވެ.

އެ ނަރުހަކީ ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތްކުރާ އަންހެން ނަރުހެކެވެ.

ކައިވެނި ކޮށްގެން ދަރިއެއްވެސް ހުންނަ އެ ނަރުހުގެ ފިރިމީހާވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައެވެ. އެ ނަރުސް މަރުވެފައިވަނީ ފިރިމީހާ އާއި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ގައި ކަމަށާއި، މި މައްސަލާގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރުމާއެކު، މި މައްސަލަ ބަލަމުންދާ ކަމަށެވެ.