ގާނޫނުއަސާސީ އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީތެރިކަމަށް ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެއެވެ.
އެމްއެންޕީން ބުނީ ސިޔާސީ ޕާޓީގެ ގާނޫނު ގެ ދަށުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި އެމްއެންޕީ ހިމެނުމާ ގުޅިގެން، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސްވެރިންނާއެކު އެމްއެންޕީގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކުން ބައްދަލުކޮށްފައިވާ ކަމަށެވެ.
އެމްއެންޕީން ބުނީ އެ ބައްދަލުވުމުގައި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކާ އެކަންކަން އިސްލާހުކުރުމަށްޓަކާ އެކުގައި މަސައްކަތް ކުރުމަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކި ކަމަށް އެމްއެންޕީން ބުނެއެވެ.
އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާ ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމަށްޓަކާ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުން ފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެއްކި ކަމަށް އެމްއެންޕީން ބުނެއެވެ.
އެކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވާ ކަމަށް ވެސް އެޕާޓީން ބުނެއެވެ.
އެމްއެންޕީން ބުނީ ގައުމުގެ މުސްތަގްބަލާ ގުޅޭ އެފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން އެކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއް ޕާޓީން ދެކޭ ކަމަށެވެ.
އެހެންކަމުން، އެ ކަންކަމާ ގުޅޭގޮތުން އެމްއެންޕީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން އެކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށް ފަހު ކަމަށް އެމްއެންޕީން ބުނެއެވެ.
މަޖުލިސްކުރާ ގެއަކީ އެމްޑީޕީގެ ފުޅިދަމާނީ ނިޒާމް ގެންނަ ޖަގަހަތޯ ސުއާލު ކޮށްލެއްވިނަމަ ވަރަށް ރަނގަޅުވީސް
ފުޅިދަމާނީ ބޮޑުވަޒީރު އެދޭގޮތަށް ޤާނޫނު ބަދަލު ނުކޮށް ޛެއްވާތި ޝުކުރިއްޔާ