ކ. މަހާނައެޅީގައި ހިންގާ ރިހިވެލި ބީޗް ރިސޯޓާ ގުޅޭ ގޮތުން، ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ކުރިއަށް ނުދާތީ، ސޭވް ދަ ޑްރީމްސްގެ ފަރާތުން ވަކާލާތުކުރާ ގާނޫނީ ލޯ ފާމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސޭވް ދަ ޑްރީމް އިން ރިހިވެލި ރިސޯޓު ހިންގަމުން ދިޔައީ އެ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޓުއާސް އާ އެއްކޮށް ވެވުނު ސަބްލީސް އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އެ އެއްބަސްވުން އުވާލާ، މާހަލުން ވަނީ ރިސޯޓު ހިންގަމުން ދަނިކޮށް، ސޭވް ދަ ޑްރީމަށް އެއްބަސްވުން އުވާލި ކަމުގެ ނޯޓިސް ފޮނުވާފައެވެ. މައްސަލަ ހޫނުވީ، ސޭވް ދަ ޑްރީމްގެ މުވައްޒަފުން ތިބިއިރު، މާހަލުން އެ ރިސޯޓާ ހަވާލުވާން އެކުންފުނީގެ ބަޔަކު އަރާފައިވުމުންނެވެ.
މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވާއިރު، މި މައްސަލާގައި އެ ކޯޓުން ވަނީ މާހަލް އާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި އެއްބަސްވުން އުވާލަން ފޮނުވި ނޯޓިސް ސައްހަ ކަމަށާއި، މާހަލުގެ ނުރުހުމުގައި ސޭވް ދަ ޑްރީމުން ރިހިވެލީގައި ތިބެ މަންފާ ހޯދުމަކީ އޮތް ހައްގެއް ނޫން ކަމަށް، އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަސީރު ވަނީ ހުކުމް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ ލޯ ފާމުން އެދުނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކޮށްދިނުމަށާއި، ރިސޯޓުގެ މައްސަލަ ނުނިމެނީސް އެހެން ފަރާތަކަށް ރިސޯޓު ހަވާލު ނުކުރުމުގެ އަމުރަކަށެވެ.
ޖޭއެސްސީއަށް ހުށަހެޅުއްވި އެ ސިޓީގައި ނާޒިމް ވިދާޅުވީ މި މަހުގެ 17 ގައި އެ މައްސަލައިގެ އަޑުއެހުން ބާއްވައިދިނުމަށް އެދިވަޑައިގެންފައި ވާނެ ކަމަށާއި، ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށާއި، ވަގުތީ އަމުރަށް ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ހައިކޯޓަށް ސިޓީއެއް ފޮނުވާފައި ވާނެ ކަމަށެވެ.
ނަމަވެސް، އަދިވެސް އެއްވެސް ސިޓީއަކަށް ޖަވާބެއް ނުލިބޭ ކަމަށާއި، އަންނަ މަހުގެ 15 ގައި ރިހިވެލި އަލުން ހުޅުވަން މާހަލުން އިއުލާން ކޮށްފައި ވާއިރު، އޭގެ ކުރިން މި މައްސަލައިގެ ވަގުތީ ކަންކަމަށް ފަރުވާއެއް ލިބެން ޖެހޭނެ ކަމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް، އިޖާބައެއް ނުލިބޭތީ، މިއީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.