ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ޑޭކެއާ ސެންޓަރަކާއި ކެފޭއެއް ހިންގައިދޭނެ ބަޔަކު ހޯދަން އެޗްޑީސީން މިއަދު އިއުލާނު ކޮށްފިއެވެ.
އެ ކޯޕަރޭޝަނުން ކުރި އިއުލާނުގައި ބުނީ ޑޭކެއާ ސެންޓަރު ހެދުމަށް ކުއްޔަށް ދޭން ނިންމާފައިވަނީ ހިޔާ ޓަވަރުތަކުގެ ތެރެއިން 2،190 އަކަފޫޓުގެ ބޮޑުމިނެއް ހުންނަ ޓަވަރު އެޗް3-ޖީއެކެއް ކަމަށެވެ. އަދި ކެފޭ ހެދުމަށް ކުއްޔަށް ދޭން ނިންމާފައިވަނީ 926 އަކަފޫޓުގެ ބޮޑުމިނެއް ހުންނަ ދެ ޓަވަރު ކަމަށްވާ އެޗް2-ޖީ 12 އާއި އެޗް3-ޖީ ކަމަށެވެ.
ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16 ގެ މެންދުރުފަހު 2:00 ގެ ކުރިން ބީލަން ހުށަހަޅަން ޖެހޭއިރު، ޑޭކެއާ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިންނެވެ.
މީގެ އިތުރުން، ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ސެލޫނަކާއި ސްޕާއެއް ހިންގާނެ ފަރާތެއް ހޯދަންވެސް އެޗްޑީސީން އިއުލާނު ކުރިއެވެ.
ހިޔާ ފްލެޓްތަކުގައި އާއިލާތައް އާބާދުވަމުން ދާއިރު، 300 އަށް ވުރެ ގިނަ އާއިލާ ވަނީ އާބާދުވެފައެވެ. މި މަހުގެ ފުރަތަމަ ހަފްތާގައި އެ ސަރަހައްދުގައި އާންމު މުދާ ވިއްކާ ފިހާރައެއް ހުޅުވާފައިވާއިރު، އެ ސަރަހައްދަށް ބަހުގެ ހިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ.