2 ފަރާތެއް ހިމެނޭ ގޮތަށް ހިޔާ ފްލެޓް ބަދަލު ކުރަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހު 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އެޗްޑީީސީން ބުނީ 2 ފަރާތެއް ހިމެނޭގޮތަށް ފްލެޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހު 27 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން މެންދުރު 12:00 އަށް ހުޅުމާލޭގައި ހުންނަ ސެންޓްރޯ މޯލުގެ 2 ވަނަ ފަންގިފިލާގައި އެކަމަށް ހާއްސަކޮށްފައި ވާ ކައުންޓަރަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ފްލެޓް ބަދަލުކުރުމުގައި އެޗްޑީސީން އަމަލުކުރާ ގޮތް:
- ފްލެޓް 2 ފަރާތެއްގެ ދެމެދު ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން HF3 ފޯމު ފުރިހަމަކޮށް ފްލެޓް ބަދަލުކުރުން އެދޭ 2 ފަރާތުގެ އައިޑީ ކާޑު ކޮޕީ އާއެކު ހުށަހެޅުން.
- އެ ފޯމު ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި އެއްފަރާތެއްގެ ނަމުގައި ހުށަހަޅާނީ 1 ފޯމު
- ފްލެޓް ބަދަލުކުރުމަށް އެދި ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ބާތިލުކުރަން އެދޭނަމަ، ފޯމު ބާތިލް ކުރެވޭނީ ފްލެޓް ބަދަލުކުރަން އެދުނު ކޮންމެވެސް އެއް ފަރާތަކުން އެޗްޑީސީއަށް ސިޓީއަކުން ހުށަހެޅުމުން.
- ސައްހަނޫން މައުލޫމާތު ނުވަތަ ފުރިހަމަނޫން މައުލޫމާތު ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށް އެފަރާތްތަކަށް އެކަން އެންގޭނެ.
- ހުށަހަޅާފައިވާ ފޯމުތައް މުރާޖާކޮށް ފްލެޓް ބަދަލުކުރުމުގެ ކަންތައްތައް ފަށަން ހަމަޖެހިފައިވަނީ ފޯމު ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު ހަމަވުމުން.
- އެ ފޯމު ހުށަހަޅާ ތާރީހާ ހަމައަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެއްވެސް ފަރާތެއް ފްލެޓް ބަދަލުކުރަން އެދި ހުށަހަޅާނަމަ، ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކޮންމެ ފަރާތަކުން 1,500ރ ގެ ފީއެއް ދައްކަންޖެހޭނެ.
އެޗްޑީސީން ބުނީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ފީ ދެއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވޭނީ ފީ އެ ކޯޕަރޭޝަނަށް ދެއްކުމުން ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ހިޔާ ފްލެޓް ބަދަލު ކުރަން އަލުން ފުރުސަތު ހުޅުވާލި ސަބަބެއް އެޗްޑީސީއަކުން ނުބުނެއެވެ. މީގެ ކުރިން ވަނީ ހިޔާ ފްލެޓް ލިބުނު ހުރިހާ ފަރާތްތަކާ އެކު ސޮއިކުރުން ކުރިއަށް ގެންގޮސްފައެވެ. ސޮއި ނުކޮށް ބާކީ ހުރީ ފްލެޓް ދޫކޮށްލުމުން، އެ ފްލެޓްތަކަށް ގުރުއަތަށް ހޮވުނު މީހުންގެ ގުރު ނުލާތީ ސޮއި ނުކުރެވި ތިބި މީހުންނެވެ.