ރާއްޖޭގައި އުޅުނު ކްރިކެޓް ކޯޗުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ 9 ދައުވާގެ އަޑުއެހުން ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ވެސް ކުރިއަށް ނުގެންދެވުނު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އާސިފް އަމީން ހާން، އޭނާ ކޯޗު ކޮށްދިން ކުދިންތަކަކާ މެދު ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ތާވަލް ކުރީ އިއްޔެ މެންދުރުފަހު 01:30 އަށެވެ.

ނަމަވެސް އިއްޔެގެ އަޑުއެހުން ކުރިއަށް ނުގެންދެވި ވަނީ ކެންސަން ކޮށްލާފައެވެ. އެ އަޑުއެހުން ކެންސަލް ކޮށްފައި ވަނީ މާފުށީ ޖަލުގެ ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.

ކްރިކެޓް ކޯޗުގެ މައްޗަށް އުފުލާފައި ވަނީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ 3 ދައުވާއާއި ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ 3 ދައުވާގެ އިތުރުން ޖާއިޒު މަގްސަދެއް ހާސިލް ނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ 2 ދައުވާއެވެ.

ކޯޗު އާސިފް ފުރަތަމަ ހައްޔަރު ކުރީ، އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު މަހު 5 ވަނަ ދުވަހެވެ. އޭނާ ހައްޔަރު ކުރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފިލައިގެން ފުރަންގޮސް ހުއްޓައެވެ. ނަމަވެސް އޭރު މުއްދަތު ޖެހުމަށް އޭނާ ކޯޓަށް ހާޒިރުކުރީ 24 ގަޑިއުރި ހަމަވީ ފަހުންނެވެ. އެހެން ކަމުން، ފުލުހުންގެ އިހުމާލުން އޭނާ ކޯޓަށް ހާޒިރު ކުރެވުނުލެއް ލަސްވުމުން އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އުމުރުކޮށް، އޭނާއަށް ރާއްޖެއިން ބޭރަށް ދިއުން މަނާކޮށް، 30 ދުވަހުގެ މުއްދަތެއް ދިނެވެ.

އޭގެ ފަހުން ކޯޗު އާސިފް ވަނީ، ހައިކޯޓުން ނެރުނު އަމުރެއްގެ ދަށުން މިދިޔަ ނޮވެމްބަރު މަހު ހައްޔަރު ކޮށްފައެވެ. އޭރު އޭނާއަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދިނެވެ.

މި މައްސަލައާ ގުޅިގެން ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓު ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު ކްރިކެޓު ބޯޑުން އާއްމުންނަށް ފޮރުވާފައި ވާކަން ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޒުވާން ކްރިކެޓު ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ ކަމަށް ކުޅުންތެރިން ބުނެފައިވެއެވެ.

ހަމައެއާ އެކު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނު ގެއްލުން ފާހަގަކޮށް އެ ކުޅުންތެރިން ގޮވާލާފައި ވަނީ ކްރިކެޓު ބޯޑުގެ މެންބަރުން، ޖިންސީ ގޯނާގެ ޝިކާރައަކަށް ވި ކުދިންނަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.

އާސިފް ހާން ސަސްޕެންޑް ކުރި އިރު ގައުމީ ކްރިކެޓް ޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަތާ 2 އަހަރު ވެއްޖެއެވެ.