އައްޑޫ ސިޓީގައި އިއްޔެ 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް 19 ކޭސް ފެނިފައި ވާއިރު އޭގެ ތެރެއިން 16 ކޭސް ފެނިފައި ވަނީ ހިތަދޫއިން ކަމަށެވެ. އޭގެ އިތުރުން 2 ކޭސް މަރަދޫ ފެނިފައި ވާއިރު އަނެއް ކޭސް ފެނިފައި ވަނީ ފޭދޫން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ޑައިރެކްޓް ކޮންޓެކްޓުންނާއި 3 ފުލޫ ސާމްޕަލް، 1 ރެންޑަމް ސާމްޕަލް ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 233 އަށް އަރާފައެވެ. އެގޮތުން އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގައެވެ. އެއީ 176 އެވެ.

އޭގެ އިތުރުން ފޭދޫގައި 26 ކޭސް، މަރަދޫފޭދޫގައި 16 ކޭސް، މަރަދޫއި އެކްޓިވް 12 ކޭސް، ހުޅުދޫގައި 2 ކޭސް، ހިނގަމުންދާ ރިސޯޓެއްގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 2 މީހަކަށް ފަރުވާދެމުންދާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.

ކޮވިޑު ޖެހިގެން އައްޑޫން 5 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.