އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ޖޫން 13، 2021 އިން ސެޕްޓެންބަރު 13، 2021 އާ ދެމެދު ޖުމުލަ 487 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެއޮފީހުން ބުނެފިއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ މިހާތަނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ބޯހިޔާވަހިކަމާ ގުޅޭ 172 މައްސަލަ، މަސައްކަތް ކުރުމުގެ ހައްގު ގުޅޭ 156 މައްސަލަ، ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާ ބަންދު ނުކުރުމާ ގުޅޭ 44 މައްސަލަ، އަދި އަދުލުވެރިކަމާ ހަމަހަމަކަމާއެކު ޝަރީއަތްކުރުމާ ގުޅޭ 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން ލާއިންސާނީ އަދަބު ނުދިނުމާ ގުޅޭ 24 މައްސަލަ، މުދާ ހޯދުމާ މުދާ ގެންގުޅުމާ ގުޅޭ 12 މައްސަލަ، އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމާ ގުޅޭ 09 މައްސަލަ، އިގްތިސާދީ އަދި އިޖުތިމާއީ ހައްގާ ގުޅޭގޮތުން 9 މައްސަލަ، ޕެންޝަން ލިބުމުގެ ހައްގާ ގުޅޭ 07 މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެއޮފީހުން ބުނެއެވެ. އަދި ހަމައެހެންމެ މަސްއޫލިއްޔަތުތަކާ ވާޖިބުތަކާ ގުޅޭ 06 މައްސަލަ، އުނގެނުމުގެ ހައްޤާ ގުޅޭ 06 މައްސަލަ، އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅޭ 06 މައްސަލައެއްގެ އިތުރުން އެހެނިހެން ދާއިރާތަކާ ގުޅޭ 10 މައްސަލައެއް ވެސް ހިމެނޭ ކަމަށް އެއޮފީހުން ބުނެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނީ އޭގެތެރެއިން، 449 މައްސަލައެއް ބެލޭނެކަމަށް ނިންމާފާވާއިރު، 26 މައްސަލައެއް ނުބެލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއް މައްސަލައެއް އިންތިގާލީ ކޮމިޝަނެއްގައި ކުރިއަށްދާތީ ނުބެލޭނެ ކަމަށް ނިންމާފައިވާއިރު، 06 މައްސަލައެއްގައި އިތުރު މައުލޫމާތު ހޯދުމަށް ފޮނުވަން ނިންމާ، އިތުރު 05 މައްސަލައެއްގެ ޝަރުއީ މަރުހަލާ ކުރިއަށްދާތީ، އެ މަރުހަލާ ނިމުމުން ހުށަހެޅުމަށް އަންގާފައިވާ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ބުނެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖޫން 13، 2021 އިން ސެޕްޓެންބަރު 13 2021ގެ ނިޔަލަށެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދައިން ޖަނަވަރީ 1، 1953 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބެލުމުގެ އިހްތިސާސް އެ އޮފީހަށް ލިބިގެންވެއެވެ.