އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަތުލުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުމަށް މިހާތަނަށް އެޅުނު އެންމެ ބޮޑު ހުރަސް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ އެއާޕޯޓް އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށާއި އެއާޕޯޓް ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަން ކަމަށެވެ.

"މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި ވަނީ އިތުރުވެފައި. މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި,"
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ޖީއެމްއާރާއެކު އެއާޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް ކަމަށް އަމީރު ވިދާޅުވިއެވެ.

"މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެއަށް ގެއްލިގެން ދިޔަ އާމްދަނީ. އެއާޕޯޓް 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރު ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު,"
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީ

ވީއައިއޭ ހިންގުމަށް 25 އަހަރަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް ވަހީދު ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން އޮތް ގޮތުން ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލި ދައުލަތުން ޖީއެމްއާރަށް ހަރަދު ކުރަން ޖެހޭ ގޮތަށް އެގްރީމަންޓްތައް ހަދާފައި އޮވެގެން އޭރު އުފެދުނު ސިޔާސީ ހަލަބޮލިކަކުގެ ތެރޭގައެވެ.

ޖީއެމްއާރަށް އެއާޕޯޓު ދިން އިރު އެތަން ހިންގަމުން އައި އެމްއޭސީއެލްއަށް ފައިދާގެ ގޮތުގައި 2010 ވަނަ އަހަރު ލިބުނީ 433 މިލިއަން ރުފިޔާއެވެ. އަދި 2011 ވަނަ އަހަރު އަދަދު 341 މިލިއަން ރުފިޔާއަށް ވެއްޓި ޖެހިގެން އައި 2012 ވަނަ އަހަރު ފައިދާގެ ގޮތުގައި ބައިރުފިޔާއެއްވެސް ނުލިބެއެވެ.

އެއާޕޯޓް ޖީއެމްއާރު އަތުން އަތުލައި އެއާޕޯޓްގެ ހިންގުން އެމްއޭސީއެލްގެ ދަށަށް ބަދަލުކުރި ފަހުން 2013 ވަނަ އަހަރު ޓެކްސް ކަނޑާލުމަށް ފަހު 1.196 ބިލިއަން ރުފިޔާގެ ފައިދާއެއް ހޯދިއެވެ.