ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތައް، ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބެލޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މެޗުތައް ދެއްކުމަށް ހަމަޖެހިފައި ވަނީ ދިރާގާއި ގުޅިގެން، އެ ކުންފުނީގެ ދިރާގު ޓީވީގެ ހިދުމަތް މެދުވެރިކޮށް ކަމަށެވެ.

ހުޅުމާލޭގެ ހިޔާ ފްލެޓު ސަރަހައްދުގެ އިތުރުން، އުސްފަސްގަނޑުގައި ތިބެގެން މެޗުތައް ބަލާލުމުގެ އިންތިޒާމް ސްޓެލްކޯ އިން ހަމަޖެއްސި އިރު، ސިޓީ ކައުންސިލުން ވަނީ ކާނިވާ ސަރަހައްދުގައި ތިބެގެން މެޗުތައް ބަލާލެވޭނެ ގޮތް ހަމަޖައްސާފައެވެ. އަދި ސޯޝަލް ސެންޓަރުންވެސް މެޗުތައް ބަލާލެވޭނެއެވެ.

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުރިއަށް ދާނެއެވެ. އެގޮތުން ހަވީރުގެ މެޗުގައި ވާދަކުރާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ. މިރޭގެ މެޗުގައި ވާދަކުރާނީ ރާއްޖެއާއި އިންޑިއާއެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމުތައް ފައިނަލަށް ދާއިރު، ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރުގައެވެ.