އޫރިދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ލީގު ބުރުގެ ފަހު މެޗުތައް މިއަދު ކުޅޭ އިރު މުބާރާތުގެ ޕްލޭ-އޮފް މެޗު ނުވަތަ ފައިނަލް މެޗަށް ދާނެ ޓީމުތައް އެނގޭނީ މިއަދުގެ ނަތީޖާތަކަށް ބެލުމަށް ފަހުއެވެ.

މިއަދު ހަވީރު 04:00 ކުޅޭ މެޗުގައި ނޭޕާލްއާއި ބަންގްލަދޭޝް ވާދަކުރާ އިރު ރޭގަނޑު 09:00 ޖަހާ އިރު އޮތީ ދިވެހިރާއްޖެއާއި އިންޑިއާގެ ކުރިމަތިލުމެކެވެ. މީގެ ކޮންމެ ޓީމަކަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތް އިރު މިފުރުސަތުތައް އިތުރަށް ދިރާސާކޮށްލަމާ ހެއްޔެވެ.

ދިވެހިރާއްޖެ

ރާއްޖޭގައި އެކަނި ބާއްވާ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ދިވެހި ސަޕޯޓަރުންގެ ކުރިމަތީ ގައުމީ ފުޓްބޯޅަ ޓީމުން ދައްކާފައި ވަނީ ހިތްވަރުގަދަ މޮޅު ކުޅުމެކެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އަކުން ބަލިވި ނަމަވެސް ދެން ކުޅުނު ދެމެޗުގައި ވެސް ރާއްޖެއިން ދެއްކި ކުޅުމުގެ ސަބަބުން ދިވެހި ސަޕޯޓަރުންގެ ހިތް ކައްކުވާލައިފިއެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުު ކުރާ މެޗްގެ ފުރަތަމަ ހާފުގައި ރާއްޖެއިން ޖެހި ލަނޑާއެކު އުފާ ކުރަނީ ---

މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ރާއްޖެއަށް 6 ޕޮއިންޓް ލިބުނު އިރު ޓީމު މިއޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި ތާވަލުގެ ފަހަތުގައި ދެން އޮތް ޓީމުތަކުގެ ޕޮއިންޓްތަކަށް ބަލާ މިރޭގެ މެޗުގައި އިންޑިއާ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެއެވެ.

ކޮންމެ މުބާރާތެއްގައި ވެސް އިންޑިއާއާ ކުޅޭ މެޗަކީ އެންމެ ފޯރިގަދަ މެޗަށް ވާ އިރު އިންޑިއާ ބަލިކޮށް ފައިނަލަށް ދާން ކޮންމެ ސަޕޯޓަރެއް ވެސް ބޭނުންވާނެއެވެ.

މިރޭގެ މެޗުގައި އިންޑިއާ އަތުން ބަލިވެއްޖެނަމަ ރާއްޖެ ކަޓާނެއެވެ.

އިންޑިއާ

މުބާރާތުގެ ކުރިން ފޭވަރިޓުންގެ ގޮތުގައި އޮތް އިންޑިއާ ކުޅުނު ތިން މެޗުގައި ވެސް އެންމެ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނެތެވެ. ގިނަ ފުރުސަތުތައް އުފެއްދި ނަމަވެސް ކުރިން ފެންނަ ކަހަލަ ނިންމުންތައް އިންޑިއާގެ ފޯވަޑުންގެ ފަރާތުން މިފަހަރު ނުފެނެއެވެ.

މިކަމުގެ ނަތީޖާއަކީ ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން އެއްވަރުވެ އަނެއް މެޗުން މޮޅުވުމެވެ. އަދި ހޯދަން އޮތް 9 ޕޮއިންޓްގެ ތެރެއިން އިންޑިއާއަށް ލިބުނީ 5 ޕޮއިންޓެވެ.

އިންޑިއާގެ ޓީމުގެ ކުޅުންތެރިން/ ފޮޓޯ: އިމޭޖަސް އެމްވީ

މިކަމުގެ ސަބަބުން މިރޭ ރާއްޖެއާ ދެކޮޅަށް ނިކުންނަ މެޗަކީ އިންޑިއާ ކޮންމެހެން ވެސް މޮޅުވާން ޖެހޭ މެޗެކެވެ. އެއްވަރުވިއަސް އިންޑިއާ ކަޓާނެއެވެ.

ނޭޕާލް

މުބާރާތުގައި އެންމެ ހީނުކުރާ ނަތީޖާ ނެރުނު ޓީމަކީ ހަމަ ގައިމުވެސް ނޭޕާލްއެވެ. ފުރަތަމަ މެޗުގައި 1-0 ރާއްޖެ ބަލިކޮށް ދެވަނަ މެޗުގައި 3-2 ސްރީލަންކާ ބަލިކޮށް ތިން ވަނަ މެޗުގައި އިންޑިއާ އަތުން 1-0 އަކުން ބަލިވީ ވެސް ހަމަ ކިރިއާއެވެ.

ނޭޕާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ ފޮޓޯ: އިމޭޖަސް އެމްވީ

މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލްއަށް ވެސް މިރޭ ބަންގްލަދޭޝްއާ ވާދަކުރާ މެޗުން ޕޮއިންޓެއް ހޯދައިގެން ކުރިއަށް ދެވޭނެއެވެ.

ބަންގްލަދޭޝް

މުބާރާތުގެ ފައިނަލްގައި ރާއްޖެއާ ބަންގްލަދޭޝް ވާދަކުރުން ވާނީ ފޯރިގަދަ މުބާރާތެއްގެ ނިންމުން އެންމެ ފޯރިގަދަވާނެ ކަމަކަށެވެ.

ބަންގްލަދޭޝްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ ފޮޓޯ: އިމޭޖަސް އެމްވީ

މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތް ބަންގްލަދޭޝްއަށް ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. މިރޭ ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ތިން ޕޮއިންޓް ހޯދައިފިނަމަ އެޓީމަށް ޖުމްލަ 7 ޕޮއިންޓް ލިބި ފައިނަލް މެޗަށް ދެވޭނެއެވެ. މިރޭގެ މެޗު އެއްވަރުވެ ނުވަތަ މެޗުން ބަންގްލަދޭޝް ބަލިވިއަސް މުބާރާތުން ކެޓީއެވެ.