ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިޔާ ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި ކަމަށާއި، ބައެއް ރައްޔިތުންގެ އަތުން ފްލެޓުތައް އަތުލީ ނުހައްގުން ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރުވެސް ފްލެޓްތައް ލިބުނު ފަރާތްތަކުގެ އަތުން ވަނީ ނުހައްގުން ފްލެޓުތައް އަތުލާފައި ކަމަށާއި، ފްލެޓުތައް ހަވާލުކުރީވެސް ހަވާލު ކުރަންޖެހޭ އުސޫލަކުން ނޫން ކަމަށެވެ.

ތިން އަހަރުވަންދެން ބަޔަކު އެހެން ބައިތިއްބާފަ ރައްޔިތުންނަށް ފްލެޓްތައް ހަވާލުކުރީ އަނިޔާވެރިކަން އިސްކޮށްފައި. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފަ އޮތްގޮތަކަށް ނޫން. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފަ އޮތީ އެހެންޏާވެސް ކަންކަން ކުރަމުންދާ ގޮތަށް ފްލެޓްތައް ނިންމާފަ ހަވާލުކުރާ ގޮތަށް.
މޭޔަރު މުއިއްޒު

މުއިއްޒު ވިދާޅުވި ގޮތުގައި ފްލެޓުތަކުގެ މަސައްކަތްތައް ނުނިންމާ ސަރުކާރުން ރައްޔިތުންނާ ފްލެޓުތައް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަންތައްތައް ކުރީ ގޯސްކޮށް ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ކަމަށާއި، ފްލެޓުތަކުގެ އަގުވެސް ބޮޑުކޮށް ދިނުމަށް ކަމަށްވާއިރު، މިކަން ބަދަލު ކުރެވޭތޯ ސިޓީ ކައުންސިލުން މަސައްކަތް ކުރި ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއާއި އެވާހަކަ ދައްކައިފިން. އެހެންނަމަވެސް އެއްވެސް ގޮތަކަށް އެބޭފުޅުންގެ ނިންމުން ބަދަލު ކުރުމުގެ ވިސްނުމެއް ނެތް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ އެހެން އެކަން އެބޭފުޅުން ކުރައްވަންޖެހޭ ރަނގަޅު ސަބަބައް އޮންނާނެ ކަމަކަށް."
މޭޔަރު މުއިއްޒު

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް، 2023 ގައި ޔާމީން ވެރިކަމަށް ވަޑައިގެން ކުރިން ނިންމާފައިވާ އަގުގައި ފްލެޓުތައް ދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ފްލެޓުތައް ގެއްލުނު ފަރާތްތަކާ ފްލެޓްތައް ހަވާލު ކުރާނެ ކަމުގެ ޔަގީންކަންވެސް ދެއްވާ ކަމަށެވެ.

ހަމަ އެއާއެކު، ހިޔާ ފްލެޓުގެ ސަރަހައްދު ތަރައްގީ ކުރުމުގެ ޕްލޭނާ އެއްގޮތަށް އެއްވެސް ކަމެއް ނުހިނގާ ކަމަށާއި، އެގޮތުން އެހިސާބުގައި މިސްކިތެއްވެސް، ސްކޫލެއްވެސް އިމާރާތްކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ ކުރިންވެސް މުއިއްޒު ވަނީ ސަރުކާރުން ސިޓީ ކައުންސިލަށް ބައެއް ކަންތައްތަކުގައި އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.