އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗުގައި ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލަށް ކުޅެވޭނެ ކަމުގެ އިޝާރާތެއް ދީފިއެވެ.

ރާއްޖެއާއި ސްރީލަންކާ ބައްދަލު ކުރި މެޗުގެ 27 ވަނަ މިނެޓުގައި ފައިސަލަށް އަނިޔާވެ ބާލަން ޖެހުނެވެ. ދެން ފައިސަލްގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު ޝަފީއު (ޗެކް)އެވެ. އެއީ އޭނާ ގައުމީ ޖާޒީގައި ކުޅެން ނުކުތް ފުރަތަމަ މެޗެވެ. އެހެންނަމަވެސް އޭނާގެ ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކޮށްފައި ވާއިރު މެޗަށް ފަހު ބޭއްވި ޕްރެސްގައި ކޯޗު ސުޒައިން ވެސް ވަނީ އެހާ ޕްރެޝަރު މެޗެއްގައި ޝަފީއު ދެއްކި ކުޅުމަށް ތައުރީފް ކޮށްފައެވެ.

ކުރިއަށް އޮތް އިންޑިއާ މެޗަކީ ރާއްޖޭގެ ގައުމީ ޓީމަށް މުބާރާތުގައި އެންމެ މުހިންމު މެޗެވެ.

ފައިސަލްއަށް އެ މެޗުގައި ކުޅެވޭނެ ކަމުގެ އުންމީދު ސަޕޯޓަރުން ކުރާއިރު، ސަޕޯޓަރުންނަށް ފައިސަލް ފޭސްބުކްގައި ވަނީ އުއްމީދީ ޖަވާބެއް ދީފައެވެ.

ފައިސަލް ބުނެފައިވަނީ ސަޕޯޓަރުންގެ ހެޔޮދުއާއާއެކު ޓެސްޓުތަކުގެ ނަތީޖާތައް ރަނގަޅު ކަމަށާއި އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.

https://www.facebook.com/620726221362794/posts/3907030656065651/?d=n

ފައިސަލް ވަނީ އެންމެ ފަހުން ރާއްޖެ ތަށި ހޯދި 2018 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.

ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ދެން މުޅިން އަލަށް ފުރުސަތު ލިބުނު ކުޅުންތެރިއަކީ ޒުވާން ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ)އެވެ. އެ މެޗުގެ ފަހު ވަގުތު ކުޅެން އަރައި ހަންނަ ވަނީ ގޯލެއް ޖެހުމާ ގާތަށް ޖެހިލައިފައެވެ. އޭރިއާ ތެރެއިން ލަންކާ ކުޅުންތެރިއަކު ކައިރިން ނެއްޓުމަށް ފަހު ހަންނަ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.