އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މާދަމާ ދިވެހިރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ބެލުމަށް ޓިކެޓު ގަތުމަށް ސޯސަލް ސެންޓަރު ސަރަހައްދުގައި ރޭ ދަންވަރުން ފެށިގެން ކިޔޫ ހަދައިފިއެވެ.
މިއީ މުބާރާތުގެ ފައިނަލަށް ދިއުމަށް ރާއްޖެއަށް މުހިއްމު މެޗެކެވެ. މި މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ޖަހާއިރުއެވެ.
މި މެޗުގައި ދިވެހީންނަށް 3000 ޓިކެޓު ހާއްސަކޮށްފައި ވާއިރު، ކޮންމެ މީހަކަށް ވިއްކާނީ ގިނަވެގެން ދެ ޓިކެޓު ކަމަށް އެފްއޭއެމުން ވަނީ އަންގާފައެވެ. ޓިކެޓު ގަންނަން ދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދިއުމަށް އެފްއޭއެމުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާ އާއި ރާއްޖެ ކުޅޭ މި މެޗަށް އަވޭ ޓީމަށް ހާއްސަކޮށްފައިވާ 200 ޓިކެޓްވެ. އަދި އެޓިކެޓްތައް ވިއްކަން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުންނެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ރޭ ދަންވަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެޗުގެ ޓިކެޓު ގަތުމަށް މިހާރު ކިޔު ހަދާފަ ތިބިފަރާތްތަކުގެ ޝަކުވާ އަޑުއަހާލެވުނު ކަމަށާއި މިނިސްޓްރީ އަދި އެފްއޭއެމް ގުޅިގެން ލުއި ފަސޭހަކޮށް ޓިކެޓު ލިބޭނެގޮތަށް ދަނީ އިންތިޒާމް ކުރަމުން ކަމަށެވެ.
އަންނަ ބުދަ ދުވަހު ރާއްޖެއާއި އިންޑިއާ ބައްދަލު ކުރާ މެޗު އޮންނާނީ ރޭގަނޑު 9:00 ގައެވެ. އެ މެޗަށް ގިނަ ދިވެހިންތަކެއް އިންތިޒާރު ކުރަމުން އަންނަ އިރު މިހާރު ސާފް ޗެމްޕިއަންޝިޕްގެ ތާވަލުގައި ރާއްޖެ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
ރާއްޖެ ބައްދަލު ކުރި މެޗުތަކުގެ ތަފްސީލަށް ބަލާލައިރު ނޭޕާލާއެކު ކުޅުނު މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ. ނަމަވެސް ބަންގްލަދޭޝާއި ސްރީލަންކާއާ އެކު ކުޅުނު ދެ މެޗުން ރާއްޖެ ވަނީ މޮޅުވެފައެވެ. އިންޑިއާ އަތުން ޕޮއިންޓެއް ހޯދައިގެން ވެސް ރާއްޖެއަށް ފައިނަލް މެޗަށް ދެވޭނެއެވެ.