ހުސެއިން ނިހާން، އާންމު ނަމުން ނަމަ ނެއްބެ އަކީ ހަލާކުވެފައިވާ އެއްޗެހި ހަދާލާ މޮޑިފައި ކޮށްލާ ހުނަރުވެރި ޒުވާނެކެވެ. އެއީ ނެއްބެއަށް އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ. ލ. މާމެންދުއަށް އުފަން އުމުރުން 29 އަހަރުގެ ނެއްބެ އަކީ އޭނާގެ ހުނަރުން އެތައް ބަޔަކު ހައިރާން ކޮށްލާފައިވާ ޒުވާނެކެވެ.

ނެއްބެ އާންމުކޮށް ކުރާ މަސައްކަތަކީ އޭސީ މަރާމާތު ކުރުމާއި، އިންސްޓޯލް ކުރުމުގެ މަސައްކަތް ނަމަވެސް، މިފަހަރު ނެއްބެ ކުރީ މުޅިން އެހެން ކަމެކެވެ. އީޖާދީ ވިސްނުމެއްގައި ނެއްބެ މިފަރު ތައްޔާރު ކުރީ ބެޓެރި ސައިކަލެކެވެ.

އޭނާގެ ބޭބެ ދިން ހަލާކުވެފައި ހުރި ސައިކަލެއް ބޭނުން ކޮށްގެން ތައްޔާރު ކުރީ ސީދާ "ހާލީ ޑޭވިޑްސަން" އެއް ކަހަލަ ސައިކަލެކެވެ. ތަފާތަކީ ބެޓެރި ބޭނުންކޮށްގެން ދުއްވާ ގޮތަށް ހެދުމެވެ.

ބޭބެއެއް އަތުގަ ހުރި ބެޓެރި ސައިކަލެއް، އޭތި އޮތީ ހަލާކުވެފަ، އޭނާ ބުނި އޭނައަކަށް ނުހެދުނޭ، އެހެންވެ އަހަރެން ބުނީ ވިއްކާށޭ، ދެން އޭނާ ބުނި ނުވިއްކާނަމޭ ގެންދާށޭ، އެސައިކަލް ގެނެސްގެން ހެދީ، ހަދާ ދުވަސްކޮޅަކު ދުއްވާފަ ހިތައްއެރީ އެހެން ގޮތަކަށް މި ބަދަލުކުރާނީއޭ، އެހެންވެ އެއްކޮށް ބަދަލު ކޮށްލީ، ދަނގަޑުތައް ކޮށާ، އާ ދަނގަޑު ލައިގެން
ހުސައިން ނިހާން (ނެއްބެ)
ބެޓެރި ސައިކަލް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ނެއްބެ

އެސައިކަލް ހެދުމަށް އިތުރު ސައިކަލެއްގެ ސާމަނު ބޭނުން ކުރި ކަމަށް ނެއްބެ ބުންޏެވެ. އެގޮތުން އެހެން ސައިކަލެއްގެ ލައިޓްތަކާއި، ޓޭންކް ފަދަ ތަކެތި ބޭނުން ކޮށްފައިވާ ކަމަށް ނެއްބެ ބުނެއެވެ. "ފެންވަރުގެ" އެ ސައިކަލް ރަހުމަތްތެރިއެއްގެ ވެސް އެހީއާއެކު އޭނާ ހަދާ ނިންމާ ވަނީ ދުއްވަން ފަށާފައެވެ.

ރަށްފުށުގައި އަދި އަމުދުން ތިމާވެއްޓާ ރައްޓެހި އެ ސައިކަލަކީ ދުއްވާލަން މަރެއްފަދަ ހިތްގަމު ޑިޒައިނެއްގެ ފަރުމާއެއްވެސް މެއެވެ.

ބެޓެރި ސައިކަލް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ނެއްބެ

ކުޑައިރުއްސުރެ އިލެކްޓްރޯނިކް މަސައްކަތްތަކަށް ޝައުގު ހުންނަ ނެއްބެ އެންމެ ކުރާ ހިތްވަނީ ސައިކަލް ހެދުމާއި، ކަރަންޓު ވައިރު ކުރުން ފަދަ ކަންކަން ކަމެވެ. އޭނާގެ ސުކޫލު ދައުރުގައިވެސް ބައިސްކަލް ފަދަ އެއްޗެހި ހަދާ، އެފަދަ މަސައްކަތްތަކުގައި ވަނީ އުޅެފައެވެ.

ބެޓެރި ސައިކަލް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ނެއްބެ
މިކަހަލަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުރޭ އެންމެ ކުޑައިރުން ސުރެ ވެސް، ސުކޫލުގަ އުޅުން އިރު ބައިސްކަލްގަ އުޅޭނީ، އޭރުން ފަށައިގެން ބައިސްކަލްގަ އެކި ފާޑު ފާޑު ގެ ބޮކިތައް ލުމާ، އެކަހަލަ ކަންކަނަ ކުރަމުން އައީ، އެހެން އަންނަމުން އަންނަމުން ސައިކަލްތައް ހަދަން ފެށީ.، ނޭނގޭ ކަމެއް ވަރަށް މަދުވާނެ މިހާރު
ހުސައިން ނިހާން (ނެއްބެ)

ނެއްބެ ބުނި ގޮތުގައި އޭނާގެ މަސައްކަތްތައް ފެނިފައި މިހާރު ވަރަށް ގިނަ ކުދިން އެމަސައްކަތް ދަސްކޮށްދިނުންމަށް އެނާ ކައިރިން އެދެއެވެ. އަދި އެ ކުދިން އޭނާ ކުރާ މަސައްކަތް ބަލަން ތިބޭ ކަމަށާއި އެ ކުދިންނަށްވެސް ދަސްކޮށްދިނުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށް "ދަ ޕްރެސް" އަށް ކިޔައިދިނެވެ.

ނެއްބެ ވަނީ މިމަސައްކަތުގައި އޭނާއަށް އެހީތެރިވި އެންމެނަށް ޝުކުރު އަދާކޮށްފައެވެ. ހާއްސަކޮށް އޭނާގެ ރައްޓެހިންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ނެއްބެ އެންމެ ދެކެން ބޭނުންވާ ދުވަހެއްގެ ގޮތުގައި ފަހަގަކުރީ އެރަށުގައި އެފަދަ މަސައްކަތް ކުރާނެ ރަނގަޅު ވޯކްޝޮޕެއް ހުޅުވާ ހިންގުމެވެ.