ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން، އެކި ސަބަބުތަކާ ހެދި ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ނާދެވިފައިވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން މިދިޔަ ޖުލައި މަހުގެ 14 އާއި މިމަހުގެ 6 އާ ދެމެދު ސޮއިކުރުމަށް ތާވަލުކޮށް، އެކި ސަބަބުތަކާ ހުރެ ފްލެޓް އެއްބަސްވުމުގައި ސޮއިކުރަން ނާދެވިފައިވާ މީހުން މިއަދު ހެނދުނު 9:30 އާއި މެންދުރުފަހު 1:30 އާ ދެމެދު އައުމަށް އެދޭކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނީ އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލު ކުރެވިފައިވަނީ އެއްބަސްވުން ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތުތައް ފުރިހަމަކޮށް، އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މައުލޫމާތު ކަށަވަރު ކުރި ފަރާތްތަކަށް ކަމަށެވެ.

ނަމަވެސް މައުލޫމާތު ފުރިހަމަނުކުރާ ފަރާތްތަކުން އެ މައުލޫމާތު ހުށަހެޅުމުން، މައުލޫމާތު ކަށަވަރު ކުރުމަށްފަހު އެއްބަސްވުމުގައި ސޮއިކުރުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ. އެގޮތުން އެއްބަސްވުން ތައްޔާރު ކުރުމަށްޓަކައި ހުށަހަޅަންޖެހޭ މައުލޫމާތު ތަކަކީ:

  • އެޗްއެފް1 ފޯމް (ފްލެޓް ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތު ފޯމް)
  • އެޗްއެފް2 ފޯމް (ފްލެޓުގެ ވެރިފަރާތުގެ ބަދަލުގައި އެއްބަސްވުމުގެ ޒިންމާ އަދާކުރާނެ ފަރާތެއް ހަމަޖެއްސުން)

އެއާއެކު، ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރަން އަންނަ ފަރާތްތަކުން ވަކި ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެޗްޑީސީން އެދެއެވެ. އެ ކަންތައްތަކަކީ:

  • އެއްބަސްވުމުގައި ސޮއިކުރާ ފަރާތުން ހެކިވެރިއެއް ގެނައުން، އަދި އޭނާގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް ގެނައުން
  • ވެރިފަރާތުގެ ބަދަލުގައި ސޮއިކުރަން އެހެން ފަރާތެއް "ޕަވާ އޮފް އެޓާނީ" ދާނަމަ، އެފަރާތުގެ އިތުރުން ހެކިވެރިޔާ ގެނައުން
  • އޮންލައިން ޕޯޓަލްގެ ޒަރިއްޔާއިން އެޗްއެފް4 (ހިޔާ މަޝްރޫއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ "ޕަވާ އޮފް އެޓާނީ") ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން ފޯމުގެ އަސްލު ގެނައުން
  • އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން އަމިއްލަ ގަލަމާއި ފިންގަޕްރިންޓް ޖަހަން ބޭނުންކުރާ އަމިއްލަ ޕެޑެއް ގެންދިއުން
  • ހަމަޖެހިފައިވާ ހޯލަށް ވަދެވޭނީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތާއި ހެކިވެރިޔާ އަށް އެކަނި

އެޗްޑީސިން ބުނީ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކުން މިއަދު ހެނދުނު 9:30 އާއި މެންދުރުފަހު 1:30 އާ ދެމެދު، ހުޅުމާލޭގެ ސެންތްރޯ ހޯލުގެ ދެވަނަ ފަންގިފިލާއަށް އައުމަށް އެދޭ ކަމަށެވެ.